ސިޔާސީ

ޕާޓީތަކުގައި ތިބި މެމްބަރުންގެ އަދަދު މިމަހުގެ 31ގައި ހާމަކުރަނީ


އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ސިޔާސީ ޕާޓީތަކުން ވަކުކިކޮށް، ޕާޓީތަކުގައި ތިބި މެމްބަރުންގެ ފުރިހަމަ އަދަދު މިމަހުގެ 31 ވަނަ ދުވަހު އާއްމު ކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަ ކުރައްވައިފި އެވެ.ސިޔާސީ ޕާޓީތަކުގެ ޤާނޫނު އައުމުގެ ކުރިން ސޮއިކޮށް ފޯމް ހުށައަޅާފައިވާ މެމްބަރުންގެ އިނގިލީގެ ނިޝާންތައް ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތު ނިމިދިޔަ އަހަރުގެ އެންމެ ފަހު ދުވަހާއި ހަމައަށް ވަނީ ހަމަވެފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޕިންގަރ ޕްރިންޓް ހަމަކުރުމަށް ދިން މުއްދަތުގައި ބައެއް ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ބައެއް ފަރާތަކުން އެ ކޮމިޝަނަށް ފޯމު ހުށައަޅާފައިވާ ކަމަށެވެ. އަދި އެ ފޯމުތައް ބަލައި ޗެކު ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.ޕިންގަރ ޕްރިންޓްގެ އިތުރުން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައްވެސް މިމަހުގެ ނިޔަލަށް އާއްމުކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެ އެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބިގެންދަނީ، ދައުލަތުގެ ބަޖެޓް ފާސްކުރާ ދުވަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި އެމްޑީޕީގައި ތިބީ 46،608 މެމްބަރުންނެވެ. ޑީއާރްޕީގައި ތިބީ 14،750  މެމްބަރުންނެވެ. އަދާލަތު ޕާޓީގައި 9،009 މެމްބަރުން ތިބިއިރު، ޖުމްހޫރީ ޕާޓީގައި ތިބީ 13،990 މެމްބަރުންނެވެ. ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބީ، ޕީޕީއެމްގަ އެވެ. އެ ޕާޓީގައި 36،232 މެމްބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ފެބްރުއަރީ މަހު އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.