ޚަބަރު

އަނެއްކާވެސް މަހާތިރު ހަސްފަތާލުގައި އެންދުމަތިކޮށްފި


ދެ މަސްދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު ހަސްފަތާލުގައި އެންދުމަތިކޮށްފިއެވެ.

މެލޭޝިޔާގެ ނޭޝަނަލް ހާޓު އިންސްޓިޓިއުޓުން ބުނެފައިވަނީ މަހާތިރު އެންދުމަތިކޮށްފައިވަނީ އޮޕަރޭޝަނެއް ކުރުމަށްކަމަށެވެ. ނަމަވެސް އެ ކަމުގެ އިތުރު ތަފުޞީލެއް އެ ހަސްފަތާލުން ދީފައެއް ނުވެއެވެ. މިދިޔަ ޑިސެންބަރު މަހުގެ 16ވަނަ ދުވަހުވެސް އެ ހަސްފަތާލުގައި މަހާތިރު އެނދުމަތިކޮށްފައިވެއެވެ.

ޢުމުރުފުޅުން 96 އަހަރުގެ މަހާތިރަށް ތަފާތު ޞިއްޙީ މައްސަލަތަކާވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެ ގޮތުން އޭނާވަނީ ހިތުގެ ގިނަ އޮޕަރޭޝަންތަކެއް ކުރައްވައިފައެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރައްވާފައިވަނީ މަހާތިރެވެ. އޭނާވަނީ 1981ވަނަ އަހަރުން 2003ވަނަ އަހަރަށް މެދުނުކެނޑި ބޮޑުވަޒީރުކަން ކުރައްވައިފައެވެ. އަދި 2018ވަނަ އަހަރުގެ ތެރޭގައި އޭނާވަނީ އަލުން ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންފައެވެ. ނަމަވެސް ވެރިކަންކުރާ އިއްތިޙާދުގައި ޖެހުނު މައްސަލަތަކަށްފަހު އޭނާވަނީ ބޮޑުވަޒީރުކަމުން އިސްތިޢުފާދެއްވައިފައެވެ. އޭނާއަކީ އަދިވެސް މެލޭޝިޔާގެ ސިޔާސީ މަޞްރަޙުގައި ނުފޫޒުގަދަ ބޭފުޅެކެވެ.