ޚަބަރު

ހަތް މަސްދުވަހަށްފަހު އިންޑިޔާގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ބަލިޖެހިއްޖެ


ހަތް މަސްދުވަހަށްފަހު އިންޑިޔާގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހިއްޖެއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 141,986 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އެއީ މިދިޔަ މޭއި މަހަށްފަހު އިންޑިޔާގައި އެންމެ ގިނަ ބަޔަކަށް ބަލިޖެހުނު ދުވަހެވެ. އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިމަޑުކަމުގައި 285 މީހުންވަނީ މަރުވެފައެވެ. އެއާއެކު އިންޑިޔާގައި ބަލީގައި މަރުވި މީހުންގެ ޢަދަދުވަނީ 483,463އަށް އިތުރުވެފައެވެ. އަދި އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 35.37 މިލިޔަނަށް އިތުރުވެފައެވެ.

ކޯވިޑް-19 ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯންވަނީ އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެން ފަށައިފައެވެ. އެއާއެކު ހަފުތާއެއްގެ ތެރޭގައި އެ ޤައުމުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ ފަސްގުނައަށް އިތުރުވެފައެވެ.