ޚަބަރު

ފުރަތަމަ 5 ދުވަހު 24000 ފަތުރިވެރިން، އެންމެ ގިނައިން އައީ ރަޝިއާ މާކެޓުން!


މިއަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެ 24500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރު ފުރަތަމަ 5 ދުވަހު ރާއްޖެ އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން ހަމައެކަނި ރަޝިއާއިންވެސް 6700 ފަތުރުވެރިން އައިސްފައިވެއެވެ. މިއާއިއެކު މުޅި ޖުމްލަ 24527 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ އަދަދަށް ވުރެ މަތީ އަދަދެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ކުރިއަރަމުންދާއިރު، މިދިޔަ އަހަރު ނިންމާލާފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނާއިއެކުއެވެ. މިއަހަރު ފެށިގެންއައިރު ރަޝިއާ މާކެޓުން އަންނަ ފަތުރުވެރިން އިތުރުވެރުވެފައިވާއިރު، 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ އިޓަލީ މާކެޓުންނެވެ. އެގޮތުން ފުރަތަމަ ފަސް ދުވަހު 3162 ފަތުރުވެރިއަކު އިޓަލީން ފުރަތަމަ ފަސް ދުވަހު ރާޢްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިދިޔައަހަރު ބޮޑު ކުރިއެރުމެއް ހޯދި އިންޑިއާ މާކެޓުން، ފުރަތަމަ ފަސް ދުވަހު އައިސްފައިވަނީ 1480 ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރު އަލަށް ސަރުކާރުން ވަނީ ހޯމްސްޓޭ ޓުއަރިޒަމް ފަތުރުވެރިކަމުގެ ރަސްމީ ޕްރޮޑަކްޓެއްގެ ގޮތުގައި ތައާރަފުކޮށްފައެވެ. މިއާއެކު މުޅިން އައު މާކެޓަކަށް ރާޢްޖެ ހުޅުވި ހުރިހާ ފަންތިއެއްގެ ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

މި ކޮންސެޕްޓުގައި ފުރަތަމަ ޙިދުމަތް ދޭ ފަށާފައިވަނީ މ. ދިއްގަރުގައެވެ. ނަމަވެސް މިހާރު ރާއްޖޭގެ ގިނަ ރައްތަކުން މި ކޮންސެޕްޓް ތާޢާރަފު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.