މިސަރުކާރުން ވެރިކަމަށް އައުމަށް ވެވަޑައިގެންވި ވަޢުދުތައް ފުއްދަމުންދާކަމަށާއި، އެކަންކުރުމަށް އެހެން ޕާޓީތަކުން އެމްޑީޕީއަށް ޖާގަދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިކަމަށް ގޮވާލެއްވީ ކޮމަންޑޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާޙަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ށ.ކޮމަންޑޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އެގޮތުން އެރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ރައީސްއަށް މަރުޙަބާ ވިދާޅުވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ރައީސް ކޮމަންޑޫއަށް ވަޑައިގަތީ އެދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވާދަކުރާ މުޙައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. ރައީސް ޞާލިޙަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އެންމެ އިސް ލީޑަރެވެ.
Sh. Komandoo 32 aharu vee generator ge nivvaalun. pic.twitter.com/hdleK489dl
— Ahmed Saeed Mohamed (@myfoona) January 8, 2022
ރައީސް ސާލިހު ވަނީ ކޮމަންޑުއަށް ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށް އޮތީ އެރަށުގެ އައު އިންޖީނުގޭގެ ޚިދުމަތް ފަށްޓަވާދެއްވުމެވެ.
ރަށްރަަށުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އަވަށުތެރޭ ހިންގަމުން ދިޔަ އިންޖީނުގެތައް ރައްޔިތުންނަށް އުނދަގޫ ނުފޯރާ ހިސާބަށް ބަދަލުކުރުމާ އައު އިންޖީނުގެތައް އެޅުމާ ކަރަންޓް ނެޓްވޯކް އަޕްގެރޭޑް ކުރަމުކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކޮމަންޑޫ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި 32 އަހަރުވީ އިންޖީނު ނިއްވާލާ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ހުރި އިންޖީނުގޭގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ރައީސް ކޮމަންޑޫއަށް ކުރެެއްވި ދަތުރުފުޅުގައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރާ މުޙައްމަދު ރާޝިދުގެ ކެމްޕެެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. މި ޖަލްސާގައި ކޮމަންޑޫގެ އައު އިންޖީނުގޭގެ ޚިދުމަތް ފެށުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އިންޖީނުގޭގެ ގަދަ އަޑާއަކު ހަމަނިދި ނުލިބި އުޅުނު އެރަށު އެތައް ރައްޔިތަކު އުފުލި ތަކުލީފެއް ހައްލުކޮށްދިނީ މިސަރުކާރުންކަމަށެވެ. އަދި ރަށްރަށުގައި ހުރި އެފަދަ އަސާސީ އެތައް ކަމަކަށް މި ސަރުކާރުން ހައްލު ގެނެސްދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"ހަމަ އެއްވެސް ރައްޔިތަކު އެއްވެސް ޝަކުވާއެއް މިއަދަކު ނެތް. އެހެންނަމަވެސް މިކަމުގެ އިޙްސާސްތަކެއް ކުރެވުނު ބަޔަކު އެބަތިބި. މިރަށު އޯޝަނިކް ހައުސްއާއި، ސެޓާންއާއި، ސޭބޫގެއާއި، ސިލްސިލާއާއި، ކުދެހި ގަސްދޮށުގޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއަދަކީ މުޅިން އެހެން ދުވަހެއް. ޒަމާނުއްސުރެ އެ އަޑުތެރޭ ނިދި ނުލިބި އެތައް ދުވަހެއް ހޭދަކުރުމަށްފަހު މިރެއަކީ ހަމަޖެހިލައިގެން އެގޭގެ މީހުންނަށް ނިދާލެވޭނެ ދުވަހެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މިސަރުކާރުން ވެރިކަމަށް އައީ ވައުދުތައް ވެގެން ކަމަށާއި، ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައިވެސް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ޖާގަ ދިނުމަށް ގޮވާލެއްވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީން ކޮމަންޑޫ ދާއިރާއަށްވެސް ބޮޑެތި ވައުދުތަކެއް ވެފައިވާކަމަށެވެ. އެކަން ކުރެވޭނީ އެމްޑީޕީގެ ކެނޑިޑޭޓަކު އިންތިޚާބު ކޮށްގެންކަމަށާއި، ސަރުކާރާއި ދެކޮޅު ވިސްނުމުގެ މީހަކު އިންތިޚާބުކޮށްގެން ކުރެވޭނެކަމެއް ނެތްކަމަށެވެ.
"އަޅުގަނޑު ދަންނަވަން ބޭނުމީ މިދާއިރާގައި ވާދަކުރައްވާ އެހެން ޕާޓީތަކުން އިހަށް ވާނީ މަޑުކޮށްލަން. އަޅުގަނޑުމެން ވެފައުވާ ވައުދުތައް އެބަހުރި، އެކަން ކުރެވޭނީ މި އެމްޑީޕީއަށް. މިދާއިރާގައިވެސް އެބަހުރި އަޅުގަނޑުމެންގެ ވައުދުތަކެއް. ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑުމެންގެ ވައުދެއް. މިދާއިރާގެ ހުރިހާ ރައްޔިތުންވެސް ވައުދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ހުރިހާ ރައްޔިތުން ވޯޓު ދޭށޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކޮމަންޑޫ ދާއިރާއަށް ގިނަ ކަންތައްތަކެއް ކުރިއަށް އޮތް މަދު ހަފްތާގެ ތެރޭގައި ފަށާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް މިއީ ކެމްޕެއިނާއި އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވެވަޑައިގެންނެވި ބައެއް ވަޢުދުފުޅުތައް:
- ކޮމަންޑޫ ބަނދަރުގެ ބޭރު ތޮށީގައި އޮޑި ދޯނިފަހަރު އެޅޭނެގޮތް ހދައިދިނުން
- ކޮމަންޑޫގައި އައިސްޕްލާންޓެއް ޤާއިމްކުރުން
- ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކޮމަންޑޫ ކައިރީގައި ޓޫރިޒަމް ފެށުން
- ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މިއަހަރު ފެށުން
- ފޯކައިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށުން
- މަރޮށި ބަނދަރުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުން
މިޖަލްސާގައި ރައީސް ވަނީ ފާއިތުވި 3 އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްދެއްވާފައި މުހިއްމު ކަންތައްތައް ހިއްސާ ކުރައްވާފައެވެ.