ޚަބަރު

ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފެށޭނެ: ރައީސް


ކޮމަންޑޫއާއި މަތި ކޮމަންޑޫ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެތެރޭގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދާނެކަމަށެވެ. އަދި ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ މިސަރުކާރުން ވެފައިވާ ވައުދެއްކަން ފާހަގަކުރައްވާ އެވައުދު ފުއްދުމަށްޓަކައި، މިފެށޭ ހަފްތާގައި މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށާއި، އެކަންކަން ދާނީ ބާރު ސްޕީޑުގައި ކުރިއަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކަން ފަށާތީ ވާދަވެރި ފަރާތްތަކުން ވިދާޅުވެދާނެ ކެމްޕެއިނަށް ނުފޫޒު ފޯރުވަނީއޭ. ނަމަވެސް އަޅުގަނޑު ދަންނަވާލަން އޮތީ، ނުފޫޒޭ ވިދާޅުވިޔަސް، މިރަށާއި، މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އިރާދަ ކުރެއްވިއްޔާ ހަފްތާއެއްގެ ތެރޭގައި ފަށާނަމޭ. އެކަން ތިިޔަބޭފުޅުންނަށް ފެނިގެންދާނެއޭ."

ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮމަންޑޫގެ އިތުރުން މަރޮއްޓާއި ފޯކައިދޫއަށްވެސް ވަޢުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ކޮމަންޑޫ ބަނދަރުގެ ބޭރު ތޮށީގައި ދޯނިފަހަރު އެޅޭނެ ގޮތް ހަދައި، އެ ރަށުގައި އައިސް ޕްލާންޓެއް ޤާއިމްކުރައްވާނެކަމަށާއި، ކޮމަންޑޫގެ ލޭންޑް ޔޫސް ޕްލޭން ނިމުމުން އެ ރަށުގެ ހިއްކި ބިމުން ގޯތިދޫކުރަން ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމުގެ ގޮތުން ކޮމަންޑޫ ކައިރީގައި އޮންނަ ރަށްތަކުގައި ޓޫރިޒަމް ފަށްޓަވާނެކަމަށާއި، ފޯކައިދޫގެ ޕޮލިސް ސްޓޭޝަނާއި ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ފޯކައިދޫ ޗަކަ ބިމަށް ވެލި އަޅައި، އެ ތަނުން ގޯތިދޫކުރުމުގެ މަސައްކަތްވެސް އަވަހަށް ފެށިގެންދާނެކަމަށާއި. އަންނަ ހަފުތާގައި މަރޮށީގެ ބަނދަރުގެ މަސައްކަތްވެސް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. މިނޫނަސް އެ ދާއިރާއަށް ސަރުކާރުން ކޮށްދޭނެ ވަރަށް ގިނަ ކަންކަން ހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިދކޮޅު ފަރާތްތަކަށް އިޝާރަތްކުރައްވާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ވޯޓު ދެއްވަންވީ ޑްރަގާއި، ބަޣާވާތާއި ދެކޮޅަށްކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ޑްރަގުގެ ވަބާއާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އިދިކޮޅު ފަރާތްތަކަށް ކެތްވާވަރުގެ ކަމެއް ނޫންކަމަށެވެ. ޚާއްސަކޮށް މިސަރުކާރުން މިހާތަނަށް އަތުލައިގެން މަސްތުވާތަކެތީގެ ބޮޑެތި އަދަދުތަކަކީ އެކަމާއި ކަންބޮޑުވާނެ ބަޔަކު ތިބޭނެ ކަމެއްކަމަށާއި، ނަމަވެސް އެކަން ނުހުއްޓުވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ނުދަންނަ ބަޔަކަށް ރައްޔިތުން ވޯޓު ދިނުމަކީ ހެދޭނެ ގޯހެއްކަމަށެވެ. ލާމަރުކަޒީ އުސޫލުން ކަންކަން ކުރަން ބޭނުންވާ ބަޔަކަށް ފަހުންވެސް އަތޮޅު ތެރޭގެ ރަށްތަކަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެކަމަށެވެ.

މިސަރުކާރުން ވެރިކަމަށް އައީ ވައުދުތައް ވެގެން ކަމަށާއި، ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައިވެސް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ޖާގަދިނުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑު ދަންނަވަން ބޭނުމީ މިދާއިރާގައި ވާދަކުރައްވާ އެހެން ޕާޓީތަކުން އިހަށް ވާނީ މަޑުކޮށްލަން. އަޅުގަނޑުމެން ވެފައުވާ ވައުދުތައް އެބަހުރި، އެކަން ކުރެވޭނީ މި އެމްޑީޕީއަށް. މިދާއިރާގައިވެސް އެބަހުރި އަޅުގަނޑުމެންގެ ވައުދުތަކެއް. ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑުމެންގެ ވައުދެއް. މިދާއިރާގެ ހުރިހާ ރައްޔިތުންވެސް ވައުދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ހުރިހާ ރައްޔިތުން ވޯޓު ދޭށޭ."

ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު މަރުހޫމް ޙުސައިން ވަޙީދަކީ ވަރަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ވަރަށް ގާތް ބޭފުޅެއްކަމަށެވެ. އަދި އެއީ ޚިދުމަތުގެ ގޮތުން ނަމޫނާ ބޭފުޅެއްކަމަށާއި، އެމަނިކުފާނަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީ ކުރުމަށް ނުހަނު ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށް ރައީސް ސިފަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ނިމިދިޔަ ތިން އަހަރަކީ ކޮމަންޑޫދާއިރާއަށް މިއިން ޒަމާނަކު ނުފެންނަ ވަރުގެ ތަރައްޤީ ގެނެވުނު ތިންއަހަރު ކަމަށް ހާމަކުރައްވާ، ކޮމަންޑޫ ދާއިރާގެ ތަރައްޤީއަށް ކުރީގެ މެންބަރު ހުސެއިން ކުރެއްވި ޚިދުމަތާއި، ގުޅަމުންދިޔަ ފޯނު ކޯލުތަކަކީ ދުވަހަކުވެސް ހަދާނުން ފޮހެލެވޭނެ ކަންތައްތަކެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ޕާޓީއަކުން ވާދަކުރެއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި އެމްއެންޕީއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 5ވަނަ ދުވަހުއެވެ.