ކުޅިވަރު

ޑާކާ މެރަތަންގައި ވާދަކުރާ މޯޑް އާއި ރިޝްމީ ފުރައިފި


ޑާކާ މެރަތަންގައި ވާދަކުރާ ރާއްޖޭގެ ދެ ދުވުންތެރިން ކަމަށްވާ މުޙައްމަދު ރަޝީދު (މޯޑް) އާއި ޢާއިޝަތު ރިޝްމީ ޑާކާއަށް ފުރައިފިއެވެ. ޑާކާ މެރަތަންގައި ވާދަކުރާ ރާއްޖޭގެ މުޙައްމަދު ރަޝީދު (މޯޑް) އާއި ޢާއިޝަތު ރިޝްމީ އާއެކު އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަޙުމަދު މުންތަގިމް ވެސް ބައިވެރިވެއެވެ. މިޓީމްގެ ކޯޗަކީ ތަޖްރިބާކާރު ދިގުދުވުންތެރިޔާ ނަސްރުﷲ އަހުމަދެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މި މެރަތަންގައި މޯޑާއި ރިޝްމީގެ އިތުރުން އަހުމަދު ޝަރަފް ވެސް ވާދަކުރާ ގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް، ފަހުން ޝަރަފް ވާދަކުރާ ހާފް މެރަތަން ކެޓަގަރީ ރޭހުން އުނިކުރުމުން އޭނާ އަށް ފުރުސަތު ގެއްލުނީއެވެ. މި މެރަތަންގައި ޝަރަފަށް ވާދަނުކުރެވުނު ނަމަވެސް، ލަންކާގައި ބާއްވާ މެރަތަންގައި ޝަރަފް ބައިވެރިވާނެއެވެ.

ނަސްރު އަކީ ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން އެންމެ ގިނަ މެރަތަން ދުވި ދުވުންތެރިޔާއެވެ. ނަސްރު ވަނީ މިހާތަނަށް 78 މެރަތަންގައި ދުވެފައެވެ. މުހައްމަދު ރަޝީދު (މޯޑް) އާއި ޢާއިޝަތު ރިޝްމީ ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ އަބޫދާބީގައި ކުރިއަށްދިޔަ އެޑްނޮކް އަބޫދާބީ އިންޓަނޭޝަނަލް މެރަތަންގައި ދުވެފައެވެ. ޑާކާ މެރަތަން ޓީމުގެ ކޯޗް ނަސްރުވެސް ވަނީ އަބޫދާބީ އިންޓަނޭޝަނަލް މެރަތަންގައި ދުވެފައެވެ.