ޚަބަރު

މިއިވޭ އަޑުތައް މީގެ 50 އަހަރުކުރިންވެސް އިވުނު، ޘަޤާފަތަކަށް ބަދަލެއް ނާދޭ


މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ޓޫރިޒަމް މިނިސްޓްރީން އަލަށް ތަޢާރަފްކޮށްފައިވާ ހޯމް ސްޓޭ ޓޫރިޒަމް ކޮންސެޕްޓްގެ ވާހަކައެވެ. އެކި މީޙުންނަށް ފެންނަ ގޮތް މިކަމުގައި ހާމަކުރާއިރު މިކޮންސެޕްޓާއި ގުޅޭގޮތުން އެކި މީހުންގެ ޚިޔާލު ހުރީ އެކި ގޮތަށެވެ. އެއްބަޔަކު މިއީ ރާއްޖޭގެ އާދަކާދައާއި ޘަޤާފަތަށް ހުރި ބިރެއްގެ ގޮތުގައި ސިފަކުރާއިރު އަނެއް ބަޔަކު ދެކެނީ މިއީ އެފަދަ އާދަކާދަތަކާއި ނެތެމުންދާ ދިވެހިންގެ އެވޭލާ ކަންކަން އަލުން އާކޮށް އިޔާދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. އަދި މިއީ މުޅި ދުނިޔޭގެ ލިސްޓުގެ އެއްވަނައިގައި އޮތް ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކޭ ބަޔަކުވެސް އެބަތިއްބެވެ.

ކޮންސެޕްޓާއެކު ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމްގެ ވިސްނުންފުޅު ހުރީކީ ފަހަތަށް އެންމެ ފިޔަވަޅެއްވެސް އަޅާގޮތަކަށް ނޫނެވެ. މިނިސްޓަރ މައުސޫމް މިސާލު ނެންގެވީ މީގެ 50 އަހަރުކުރިން ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްކުރި އިރު މީހުން ދެއްކި ވާހަކަތަކާއި އޭރު އުފެދުނު ޚިޔާލު ތަފާތުވުންތަކާއި ކާމިޔާބުވެދާނެކަމާމެދު އުފެދުނު ދެބަސްވުންތަކެވެ. އެހެންނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް އަހަރު ފާހަގަކުރަމުންދާއިރު އެވާހަކަތައް މަތިން ހަނދާން ހުރި ބަޔަކު ތިބިތޯ މިނިސްޓަރ ވަނީ ސުވާލުވެސް އުފައްދަވާފައެވެ.

ހޯމް ސްޓޭއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ މިއީ ރާއްޖޭގެ ރަށްރަށުގައި އާދަކާދައާއި ޘަޤާފަތުގެ ތެރެއިން އުފެދިފައިވާ ވިޔަފާރިތައް ކުރިއަރުވާ ފުޅާކުރުމަށް ލިބިގެންދާ ފުރުސަތެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ބައެއް ރަށްރަށަކީ އަތްތެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކާބޯތަކެތީގެ ވިޔަފާރިތައް އެކި ފަންތީގައި ކުރަމުން އަންނަ ރަށްތައްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއީ ވިޔަފާރިތަކުގެ ޢާމްދަނީ އިތުރުކުރުމަށް ފުރުސަތުގެ ބޭނުން ހިފަންވީ ދަނޑިވަޅުކަމަށެވެ.

"ހޯމް ސްޓޭގެ އެންމެ މުހިއްމު އެއްކަމަކީ ތަފާތު އިޤްތިޞާދީ ޙަރަކާތްތައް ގުޅުވާލެވޭނެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަންނުވެރިކަމާއި އިތުރު އެހެނިހެން ޙަރަކާތްތަކާވެސް ގުޅުވާލާ ހުރިހާ ރައްޔިތުންނަށް ޢާމްދަނީ ލިބުމުގެ ފުރުސަތު ލިބިގެންދާނެ."މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް ސްޓޭގެ ސަބަބުން އިސްލާމީ ޝިޢާރުތަކަށް ބުރުއަރާނެކަމަށް ދެކެވޭ ވާހަކަތާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކާމިޔާބުކަމާއެކު ގެސްޓް ހައުސް ހިންގާތާ 10 އަހަރުވެފައިވާކަމަށެވެ. އެހެންނަމަވެސް ފަތުރުވެރިންގެ ފަރާތުން ފެނިގެންދިޔަ ސުލޫކީ މައްސަލަތަކާއި އަޚުލާގީ މައްސަލަތައް ޖެހުނު ނިސްބަތް މަދުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ގެސްޓްހައުސް ހިންގާ ގޮތަށް ކޮންމެވެސް ބަދަލެއް މިއައީ. ފަތުރުވެރިންނަކީ ވަރަށް ކަމޭހިތާ ބައެއް. ފަތުރުވެރިން ހުރިހާ ޤައުމަކުން އަންނައިރު މިހާރު ރާއްޖޭގެ ފަސްވަނަ މާކެޓަކަށްވެސް މިއޮތީ ސަޢުދިޢަރަބިޔާ. ފަތުރުވެރިންނަކީވެސް އިންސާނުން، އުސޫލެއްގެ ގޮތުން ބަސްއަހާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ފަތުރުވެރިން ރާއްޖެއަށް އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އާދަކާދައާއި ޘަޤާފަތް ދެކެލަންކަމަށެވެ. އެހެންކަމުން އެކަންކަން ޙިމާޔަތްކުރުމަށް މިހާރު އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ ތެރެއިންވެސް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަން ހިންގުމަށް ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދީފައިވާ ބައެއް ރަށްރަށުގައި ފަތުރުވެރިންގެ ފަރާތުން ދިވެހި އާދަކާދަތަކާއި ޘަޤާފަތާއި ދީނީ ޝިޢާރުތަކާއި ބީރައްޓެހި މަންޒަރު ފެންނަ ކަމުގެ ޝަކުވާ އޮވެއެވެ. މިކަމުގައި މިފަދަ ތަންތަން ހިންގާ ފަރާތްތަކާއި އެރަށެއްގެ ކައުންސިލްތަކާއި މިނިސްޓްރީގެވެސް ޒިންމާއެއްވެއެވެ.

ދިވެހިންގެ ދީނާއި އާދަކާދައާއި ބީރައްޓެހިކަންކަމަށް ދިވެހިންގެ ތެރޭގައި ޖާގައެއް ނުދެއްވާނެކަމަށް ސަރުކާރުން ވިދާޅުވާއިރު އެކަމަށް ދިވެހި ރައްޔިތުންވެސް ޖާގަ ނުދޭނެކަމަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޢާއްމުވަމުންދާ ޕޯސްޓުތައް ބުނެދެއެވެ. އެހެންކަމުން އަމާންކަންމަތީ މިޤައުމާއި ރާއްޖޭގެ ފަތުރުވެރިކަން އަދަށްވުރެ އުހަށް ގެންދެވޭނީ އެންމެ އެކުގައި ފަތުރުވެރިންނަށް އަމާން އަދި ދިވެހިންގެ ދީނާއި އާދަކާދައަށް ބުރުނާރާނެހެން ހެދިފައިވާ އުސޫލުތައް ތަންފީޒުކުރެވިގެންނެވެ.