ކުޅިވަރު

އޮލިމްޕިކް ކޮމެޓީންއިން 10 އަހަރުގެ މާސްޓަރ ޕްލޭނެއް ހަދަނީ


ގޭމްސްތަކަށް ކޮލިފައިވެގެން ދިވެހި އެތުލީޓުން ދާތަން ބަލަން ބޭނުވާކަމަށް މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސްކަމާއި ހަވާލްވުމަށްފަހު، ސައްތާރުވަނީ، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެކްސްކޯގެ އެހީތެރިކަމާއެކު ކުޅިވަރުގެ 10 އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންނެވެ. ރާއްޖެއިން އެތްލީޓަކަށް މިހާތަނަށް އޮލިމްޕިކްސްގައި މާ ރަގަނޅު ކާމިޔާބީއަކާއި ހަމައަށް ދެވިފައެއް ނުވެއެވެ.

ރާއްޖޭގެ އެތުލީޓުން އެންމެ ގިނައިން އޮލިމްޕިކްސްގައި ވާދަކޮށްފައިވަނީ ވައިލްޑް ކާޑްގެ ދަށުންނެވެ. މިއަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ވަނީ 4 އެތުލީޓު ވާދަކޮށްފައެވެ. އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި ބެޑްމިންޓަންގައި ރާއްޖޭގެ ޗެންޕިއަން ފާތިމަތު ނަބާހާ ޢަބްދުއްރައްޒާގުގެ އިތުރުން ސްވިމިންގެ މުބާލް އައްޒާމް އިބްރާހީމާއި، ޢާއިޝަތު ސާޖިނާއެވެ.

އޮލިމްޕިކްސްއަކީ ކުޅިވަރުގެ އެންމެ ބޮޑު އީދެވެ. އޮލިންޕިކްސްގައި ކުޅިވަރުގެ އެންމެ މަތީ ފަންތީގައި އެތުލީޓުން ވާދަކުރެއެވެ. މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ ވައިލްޑް ކާޑްގެ ދަށުން ނޫން ގޮތަކަށް ރާއްޖޭގެ ކުޅުންތެރިން އޮލިމްޕިކްސްއަށް ކޮލިފައިވާތަން ދެކެން ބޭނުންވާކަމަށެވެ. އަދި އޮލިމްޕިކްސް ނޫނަސް ރާއްޖެއިން ބޮޑެތި ކުޅިވަރު މުބާރާތްތަކުގައި ރަގަނޅު ކާމިޔާބީތަކެއް ހޯދާތަން ދެކެން ބޭނުންވާކަމަށް ސައްތާރު ވިދާޅުވިއެވެ.

"މިހާރު އެކުލަވާލާ މި ޕްލޭންއަކީ ރާއްޖެއިން ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ ވަރަށް ބޮޑު މަސައްކަތްތެއް. ރާއްޖެއިން މިހާރުވަނީ ގޭމްސްތަކުގައި ރަގަނޅު ކާމިޔާބީތަކެއް ހޯދާފަ. އައިއޯއައިޖީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ. ނަމަވެސް މިހާރު ރާއްޖެއިން އެބަޖެހޭ އެހެން ހަރުފަތަކަށް ދާން. އޮލިމްޕިކްސްއަށް ކޮލިފައިވެގެން ދާން އެބަޖެހޭ. ކޮންމެވެސް ކުޅިވަރުތަކެއްގެ ތެރެއިން. މީގެ 10 އަހަރު ފަހުން އޮލިމްޕިކްސްގައި މެޑަލްއަކަށް ނުދެވުނަސް، އެހިސާބުން އޮލިމްޕިކްސްއަށް ކޮލިފައިވެގެން ދާ ބަޔަކަށް ދިވެހި އެތްލީޓުން ވާންއެބަޖެހޭ." ސައްތާރު ބުންޏެވެ.

މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ އެތުލީޓުންގެ ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެކޮމެޓީން ވަނީ އެތުލީޓުންނަށް ގިނަ ސްކޮލަޝިޕްތަކެއް ދީފައެވެ.