ސިޔާސީ

ރައީސް ނަޝީދުގެ އިނގިލީގެ ނިޝާން ޤާނޫނީ ވަކީލުންނަށް ހޯދޭނެ


ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިނގިލީގެ ނިޝާން އެމަނިކުފާނުގެ ޤާނޫނީ ވަކީލުން މެދުވެރިކޮށް ހޯދޭނެކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނާ އެއްގޮތަށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ސިޔާސީ ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމްތަކުގައި އިނގިލީގެ ނިޝާން ޖެހުމަށް އެ ކޮމިޝަނުން ޕާޓިތަކަށް ދެއްވި މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ. ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ރޭގެ ވަގުތެއްގައި ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ، ވަކީލުން މެދުވެރިކޮށް ރައީސް ނަޝީދުގެ އިނގިލީގެ ނިޝާން ނެގުމަށް އެމްޑީޕީއަށް އަންގާފައިވާ ކަމަށާއި، ކޮންމެ ދުވަހަކުވެސް ނަޝީދުގެ ވަކީލުން ތިންގަޑިއިރަށް އެމަނިކުފާނާ ބައްދަލުކުރައްވައި އެކި ލިއުންތަކުގައި ސޮއިކުރައްވައި، އިނގިލީގެ ނިޝާން ހޯއްދަވާ ކަމަށެވެ.

އިނގިލީގެ ނިޝާން ނެތް މެމްބަރުން ޕާޓީތަކުން ވަކިކުރައްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވުމާ ގުޅިގެން އެމްޑީޕީގެ އެގާރަ ހާހަށްވުރެ ގިނަ މެމްބަރުން އެޕާޓީގެ ދަފްތަރުން ވަކިވާނެކަމަށް ވަނީ ބެލިފައެވެ.