ޚަބަރު

ކަޒަކިސްތާނުގެ އިންޤިލާބު ހުއްޓުވައި ޤާނޫނީވެރިކަން އަލުން ޤާއިމުކޮށްފި


ކަޒަކިސްތާނުގެ އިންޤިލާބު ހުއްޓުވައި ޤާނޫނީވެރިކަން އަލުން ޤާއިމުކުރެވިފައިވާކަމަށް އެ ޤައުމުގެ ރައީސް ކަސީމު ޔޮމަތު ޓޮކަޔެވު ވިދާޅުވެއްޖެއެވެ.

ޖަނަވަރީ މަހުގެ 2ވަނަ ދުވަހު ކަޒަކިސްތާނުގެ ރައްޔިތުން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ފެށީ އާދަޔާ ޚިލާތަށް ތެލުގެ އަގުބޮޑުވުމުންނެވެ. އެއާއެކު އެ ޤައުމުގައި ފަސާދައާއި ޚިޔާނާތުގެ ޢަމަލުތައް ގިނަވެފައިވާކަމަށް ބުނެ އެ މުޒާހަރާތައް ހޫނުވެ ބޮޑު ހަމަނުޖެހުންތަކެއް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ހިންގާފައިވެއެވެ. އޭގެ އިތުރުން ކަޒަކިސްތާނުގެ ރައީސްކަން 29 އަހަރު ކުރެއްވި ނޫރުސުލްތާން ނަޒަރުބަޔެވުވަނީ މުޒާހަރާއާ ގުޅިވަޑައިގެންފައެވެ. ޢުމުރުފުޅުން 81 އަހަރުގެ ނަޒަރުބަޔެވު މުޒާޙަރާ ގުޅިވަޑައިގަތުމާއެކު އެ ޤައުމުގެ ސަރުކާރާގެ އިމާރާތްތަކާއި ބައެއް ވައިގެ ބަނދަރުރައްވަނީ މުޒާހަރައިގެ ބައިވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ކަޒަކިސްތާނުގެ ޙާލަތު އިންތިހާއަށް ގޯސްވުމުން ޓޮކަޔެވުވަނީ ރަޝިޔާގެ އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އެއާއެކު ރަޝިޔާގެ އެތައް ހާސް ސިފައިންނެއް ކަޒަކިސްތާނަށް ގޮސް އެ ޤައުމުގެ އަމަންބެލެހެއްޓުމުގެ މަސައްކަތާވަނީ ޙަވާލުވެފައެވެ. އެ ގޮތުން ރަޝިޔާގެ 2،500 ސިފައިން ކުރިޔަށް އޮތް ދެތިން ހަފުތާވަންދެން އެ ޤައުމުގައި ޙަރަކާތްތެރިވާނެކަމަށްވަނީ ކަޒަކިސްތާނުގެ ދިފާޢީ ވުޒާރާއިންވަނީ ބުނެފައެވެ. އަދި މުހާރާތަކުގެ ތެރެއިން ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި 3،000އަށްވުރެ ގިނަ މީހުން ޙައްޔަރުކޮށްފައިވާކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ކަޒަކިސްތާނުގައި ހިންގި ހަމަނުޖެހުންތަކުގައި ޢާއްމުންގެ 26 މީހުން މަރުވެ 1،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އަދި އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ 18 މީހުން މަރުވެ 700އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.

ކަޒަކިސްތާނުގެ ވެރިކަމަށް ޓޮކަޔެވު ވަޑައިގެންފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަށް އެ މަޤާމު ދެއްވާފައިވަނީ ނަޒަރުބަޔެވެ. ނަމަވެސް ކަޒަކިސްތާނުގައި ނަޒަރުބަޔެވުގެ ބާރާއި ނުފޫޒު އަދިވެސް އިންތިހާއަށް އޮވެއެވެ.