ޚަބަރު

ޕާކިސްތާނުގެ އެންމެމަތީ ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރެއް


ޕާކިސްތާނުގެ ސުޕުރީމު ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރެއް ޢައްޔަންކުރުމަށް ނިންމައިފިއެވެ.

ޕާކިސްތާނުގެ ޖުޑީޝީއަލް ކޮމިޝަނުން ބުނެފައިވަނީ އެ ޤައުމުގެ ސުޕުރީމު ކޯޓަށް ޢުމުރުން 55 އަހަރުގެ އަންހެން ފަނޑިޔާރެއްކަމަށްވާ އައިޝާ މާލިކު ޢައްޔަންކުރުމަށް ނިންމާފައިވާކަމަށެވެ. ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނުން އެ ގޮތަށް ނިންމާފައިވަނީ 5 މެންބަރުންގެ ވޯޓާއެކުއެވެ. އެ ނިންމުމަށް ޕާކިސްތާނުގެ ވެރިކަންކުރާ ޕާޓީން ތާޢީދުކުރުމަށްވަނީ ނިންމައިފައެވެ. އެހެންކަމުން ޕާކިސްތާނުގެ ޤާނުނުހަދާ މަޖިލީހުގެ ރުހުން އައިޝާ މާލިކަށް ފަސޭހަކަމާއެކު ލިބޭނެކަމަށް ބެލެވެއެވެ.

ޕާކިސްތާނުގެ ސުޕުރީމު ކޯޓަށް އައިޝާ މާލިކު ޢައްޔަންކުރުމަށް ނިންމުމުން ގިނަ ޢަދަދެއް ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންވަނީ ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. އޭނާއާމެދު ހިތްހަމަނުޖެހުން އުފެދުނީ އެ ޤައުމުގެ ދަށު ކޯޓުތަކުގައި އޭނާއާއަށްވުރެ ޤާބިލް އަދި ފަނޑިޔާރެއްގެ ގޮތުގައި ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މީހުން ތިބިކަމަށް ބުނެއެވެ.