ޚަބަރު

ރައީސް ޔާމީން މާދަމާ ތައިލެންޑްގެ ބޮޑުވަޒީރާއި ބައްދަލުކުރައްވަނީ


ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައިލެންޑަށް މިހާރު ކުރައްވައްމުން ގެންދަވާ ދަތުރުފުޅުގައި މާދަމާ ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔަތު ޗަން އޯޗަރ އާއި ބައްދަލުކުރައްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާޙިމް މުޢާޒް ޢަލީ ވިދާޅުވީ، މާދަމާގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ތައިލެންޑުގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށާއި، މި ބައްދަލުކުރެއްވުމުގަިއ ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެކަމަށެވެ. މި ބައްދަލުކުރެއްވުމާއި ގުޅޭ އިތުރު މަޢުލޫމާތެއް ރައީސް އޮފީހުން އަދި ހާމަކުރައްވާފެއްނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ތައިލެންޑަށް ވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.