ޚަބަރު

ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުޙަބާ ދެންނެވުމަށް ޝާހިދު ރާއްޖެއަށް!


ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ. އެއަރޕޯޓް އައު ވީއައިޕީ ޓަރމިނަލް ބޭނުންކުރަން ފަށާފައިވަނީވެސް މިއަދުއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގަތީ އައު ވީއައިޕީ ޓަރމިނަލުންނެވެ. މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގަތީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވާންގް ޔީ މިއަދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ ދެޤައުމުގެ ދެމެދު ބާއްވަވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އައު ވީއައިޕީ ޓަރމިނަލް ބޭނުންކުރައްވާ ބޭރުގެ ފުރަތަމަ ޑިޕްލޮމެޓަކަށްވެސް ވެވަޑައިގަންނަވާނީ ޗައިނާގެ ފޮރިން މިނިސްޓަރެވެ.
އައު ވީ.އައި.ޕީ ޓަރމިނަލްގެ މަސައްކަތްކޮށްފައިވަނީ، އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، (ބީ.ޔޫ.ސީ.ޖީ)އިންނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގަންނަވާނީ މިއަދު ހަވީރެވެ. ޗައިނާ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ މަހު ޗައިނާއަށް ކުރެއްވިި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއިވެސް ޗައިނާގެ ފޮރިން މިނިސްޓަރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާއާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރު 50 އަހަރު ފުރޭތީ އެކަން ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތު ތަކުގައިވެސް ޗައިނާގެ ފޮރިން މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި، ޗައިނާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.