މ. މުލީގައި މިހާރު ކުރިއަށްދާ މުލީކޮޅު ރާޅުގަނޑު 2026 ގެ ޖޫނިއާ ކެޓަގަރީގެ ފައިނަލުން ކަޔާން ޢަބްދުﷲ އަރީފާއި މުހައްމަދު އިނާން ޢަބްދުލްހަންނާން ޖާގަ ހޯދައިފިއެވެ.
ފައިނަލުން ކަޔާން ޖާގަ ހޯދީ ސެމީ ފައިނަލް ހީޓުގައި ހުސެއިން އަޒާން އިސްމާޢީލްގެ މައްޗަށް 2.43 ސްކޯއަކުން ކުރި ހޯދައިގެންނެވެ. ސެމީ ހީޓުގައި ކަޔާން އަށް މުޅިއެކު 12.50 ސްކޯކުރިއެވެ. އަޒާން އަށް ސްކޯކުރެވުނީ 10.07 ޕޮއިންޓެވެ.
ކަޔާން އެންމެ މަތިން ސްކޯކުރީ ދެވަނަ އަދި ތިންވަނަ ރާޅުގައެވެ. ދެވަނަ ރާޅުގައި ކަޔާން ވަނީ 5.17 ސްކޯކޮށްފައެވެ. އަދި ތިންވަނަ ރާޅުގައި 7.33 ސްކޯކުރިއެވެ.
އަޒާން އެންމެ މަތިން ސްކޯކުރީ ހަތަރުވަނަ ރާޅުގަ އާއި ހަތްވަނަ ރާޅުގައެވެ. ހަތަރުވަނަ ރާޅުގައި އަޒާން އަށް 5.00 ސްކޯއެއް ލިބުނުއިރު، ހަތްވަނަ ރާޅުގައި 5.07 ސްކޯކުރިއެވެ.
ސެމީ ފައިނަލުގެ ދެވަނަ ހީޓުގައި ވާދަކޮށް އިނާން ފައިނަލުން ޖާގަ ހޯދީ އަހުމަދު ރައްފާން ރައުފްގެ މައްޗަށް 6.73 ގެ ސްކޯއަކުން ކުރިހޯދައިގެންނެވެ. ސެމީގެ ހީޓުގައި އިނާން އަށް މުޅިއެކު 11.33 ސްކޯކުރިއެވެ. ރައްފާން އަށް ސްކޯކުރެވުނީ 5.97 އެވެ.
ސެމީގެ ހީޓުގައި އިނާން އެންމެ މަތިން ސްކޯކުރީ ފުރަތަމަ އަދި ދެވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުގައި އިނާން އަށް 4.00 ގެ ސްކޯއެއް ލިބުނުއިރު، ދެވަނަ ރާޅުގައި އިނާން ވަނީ 7.33 ސްކޯކޮށްފައެވެ.
ރަފްއާން އެންމެ މަތިން ސްކޯކުރީ ތިންވަނަ އަދި ހަތަރުވަނަ ރާޅުގައެވެ. ތިންވަނަ ރާޅުގައި 2.60 ސްކޯކުރިއިރު، ހަތަރުވަނަ ރާޅުގައި 3.00 ސްކޯކުރިއެވެ.