ނިދުމާ ގުޅިފައިވާ ބައްޔެއް ހުރިތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހަދައިދިނުމުގެ ޚިދުމަތް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި މިއަދު ފަށްޓަވައިފިއެވެ. "ސްލީޕް ސްޓަޑީ ލެބް"ގެ ނަމުގައި އައި.ޖީ.އެމް.އެޗްގައި ހުޅުއްވި މި ލެބް ހުޅުއްވައިދެއްވީ އައި.ޖީ.އެމް.އެޗްގެ ބޯޑް މެމްބަރު ޢާއިޝަތު ސާދުއެވެ. ނިދުމުގެ ތެރޭގައި މީހުންނަށް ދިމާވާ އުނދަގޫތަކަކީ އެތައްބަޔަކު ތަޙައްމުލްކުރަމުން ގެންދާކަމެކެވެ. އެކި ބަލިބަލީގެ ސަބަބުން ނިދަން އުނދަގޫވާ މީހުންވެސް މަދެއް ނޫނެވެ. މިފަދަ ގިނަ ކަންކަމަކީ ތަޙުލީލްކޮށް، އެކަމުގެ ސަބަބުތައް ދެނެގަނެ، ފަރުވާދީގެން ރަނގަޅުކުރެވޭ ކަންކަމެވެ. ރާއްޖޭގައި ހުންނަ އެންމެ ބޮޑު ޕަބްލިކް ހޮސްޕިޓަލް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ނިދުމުގެ ބަލިތަކާ ގުޅޭ ތަޙުލީލް ކުރުމުގެ އިންތިޒާމް މިވަނީ ހަމަޖައްސަވާފައެވެ. މި ޚިދުމަތްދޭ ލެބޯޓްރީގެ ނަމަކީ "ސްލީޕް ސްޓަޑީ ލެބް"އެވެ. އައިޖީއެމްއެޗުން ވިދާޅުވީ މި ލެބް ޤާއިމުކުރެވިފައިވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ކަމަށާއި އެންމެ ތަރައްޤީވެފައިވާ އެމެރިކާ އާއި އިނގިރޭސި ވިލާތުގައިވެސް ބޭނުންކުރަނީ މިފެންވަރުގެ ލެބްތައް ކަމަށެވެ. އަދި މިސަރަޙައްދަށް ބަލައިފިނަމަ މިފެންވަރުގެ ލެބްތައް ވަރަށް މަދުވާނެ ކަމަށްވެސް އައިޖީއެމްއެޗުން ހާމަކުރައްވައެވެ. މި ޚިދުމަތް މި ފެއްޓެވީ ހަތަރުސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާ ސަރުކާރުގެ ބަޖެޓުން ހަރަދުކުރައްވައިގެނެވެ. މި ލެބަކީ ތަފާތު ގިނަ ބަލިތަކުގެ ޓެސްޓްތައް ހެދޭ ލެބެކެވެ. ނަމަވެސް ލެބް ޚާއްޞަކުރައްވާފައިވަނީ ނިދުމުގައި ކުރިމަތިވާ މައްސަލަތައް ދެނެގަތުމަށް ކަމަށް އައިޖީއެމްއެޗުން ހާމަކުރައްވައެވެ. އައި.ޖީ.އެމް.އެޗުން ހާމަކުރާ ގޮތުގައި މި ލެބްގައި ޓެސްޓްހެދޭނީ ދުވާލަކު އެކަކަށެވެ. މި ލެބް ހުޅުއްވިއިރު އެތަނުގައި ޓެސްޓްކުރަން ޖެހޭ ނަވާރަ ބަލި މީހަކު މިހާރުވެސް ފަރުވާ ހޯދަމުންދާ ކަމަށް އެހޮސްޕިޓަލްގެ ރެސްޕިރޭޓަރީ މެޑިސިން ޑޮކްޓަރ މޫސާ ޙަސަން ވިދާޅުވިއެވެ. ޑރ. މޫސާ ވިދާޅުވީ ނިދީގެ ބަލިތަކަކީ އޭގެ ޙަޤީޤަތް މީހުންނަށް އެނގިފައިވާ ވަރަށްވުރެ ނުރައްކާތެރި ބައްޔެއް ކަމަށާއި، އެއީ އޭގެ ސަބަބުން މީހާގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ދިމާވާތީ ކަމަށެވެ. ޑރ.ވިދާޅުވީ ނިދީގައި ނޭވާ ހޮޅި ބަންދުވެ، ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ބައްޔެއް ހުރިތޯ ބެލުމަށް، މި ލެބުން ޓެސްޓް ކުރެވޭނެ ކަމަށާއި ސިކުނޑީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓާއި ނަފްސާނީ ބަލިތަކާބެހޭ ޑިޕާޓްމަންޓަށްވެސް މި ލެބްގެ ބޭނުން ހިފޭނެ ކަމަށެވެ. އަދި ލެބްގައި ޓެސްޓް ކުރުމުގެ އެޕޮއިންޓްމެންޓް، އަންނަ ފެބްރުއަރީ މަހާ ހަމައަށް ފުލްވެފައިވާ ކަމަށްވެސް އެހޮސްޕިޓަލުން ހާމަކުރައްވައެވެ.