ޚަބަރު

ދަނޑުވެރިކަމަކީ ނަފާބޮޑު މަސައްކަތެއް: ތޮއްޑޫ ދަނޑުވެރިން


ތޮއްޑޫއަކީ ދަނޑުވެރިކަމުގައި ނަން މަޝްހޫރު ރަށެކެވެ. އާމްދަނީ ހޯދުމަށް ތޮއްޑޫގެ ގިނަ ބަޔަކު ކުރަމުން އަންނަ މަސައްކަތަކީ ދަނޑު ހެއްދުމެވެ. އެއީ ދާދިފަހަކާއި ޖެހެންދެން އެންމެ ބޮޑު އާމްދަނީއެއް ތޮއްޑޫއަށް ލިބޭ މަސައްކަތެވެ. ނަމަވެސް އެރަށުގައި ގެސްޓް ހައުސް ވިޔަފާރި ފެށުމާއެކު ތޮއްޑޫއަށް އާމްދަނީ ލިބޭ އިތުރު ވަސީލަތްތައް ހުޅުވިގެންދިޔައެވެ.

ފަތުރުވެރިކަން ތައާރަފްވި ނަމަވެސް ދަނޑުވެރިކަމަކީ މިއަދުވެސް ތޮއްޑޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ އެންމެ މުހިންމު އެއް މަސައްކަތެވެ. ޚާއްސަކޮށް ރަމަޟާންމަހާއި ދިމާކޮށް ތޮއްޑޫގެ މަޤްބޫލުކަން ބޮޑުވެއެވެ. ރަމަޟާންމަސް ފެށުމުގެ މާކުރިން ތޮއްޑޫގެ ދަނޑުވެރިން ދަނޑު ހެއްދުމުގެ މަސައްކަތް ފަށައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތޮއްޑޫގައި 20 އަހަރު ދަނޑުވެރިކަން ކުރަމުން އައި މުހައްމަދު ޝިޔާމް ބުނީ، ދަނޑުވެރިކަން މިދުވަސްވަރު ވަރަށް ރަނގަޅުކަމަށެވެ. އަދި މިހާރު ހައްދާފައިވަނީ ރޯދައިގެ ކުރިން ހެއްދޭނެ އެންމެ ފަހު ދަނޑުކަމަށެވެ. ޝިޔާމްގެ ދަނޑުގައި ކަރާ، ފަޅޯ، ކިޔުކަންބާ، ރެޑީސް ފަދަ ތަކެތި ހައްދައެވެ.

"މިދުވަސްކޮޅު ދަނޑުވެރިކަން ރަނގަޅު. ރޯދަމަހަށް ތައްޔާރުވުމުގައި އުޅެނީ. މިއީ ރޯދައިގެ ކުރިން ހެއްދޭ ދަނޑު. މިރަށުން ދަނޑުވެރިކަމުގެ ހުރިހާ އެއްޗެއް ލިބޭނެ" ޝިޔާމް ބުންޏެވެ.

ދަނޑުވެރިކަމަކީ ކުރަން ރަނގަޅު މަސައްކަތެއްކަމަށް ތޮއްޑޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ބުނެއެވެ. މިއީ ވަރަށް އާމްދަނީ ބޮޑު މަސައްކަތެއްކަންވެސް އެމީހުން ފާހަގަކުރެއެވެ.

ތޮއްޑޫ ދަނޑުވެރިންނަށް މިކަން ކުރުމަށް އަދިވެސް ދަތިތަކެއް ހުރިކަން އެމީހުން ފާހަގަކުރެއެވެ. އެގޮތުން މާކެޓް ކުރުމާއި އަދި ދަނޑުވެރިކަން ކުރަން ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ދަތިތަކެއް ހުރިކަމަށް އެމީހުން ބުނެއެވެ.

"މާކެޓް ކުރުމުގައި ދަތިތަކެއް އެބައުޅޭ. އަޅުގަނޑުމެން ފޮނުވަނީ މިކޮޅުން ދޯނީގައި މާލެއަށް. އެ ވިއްކުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ އަޅުގަނޑުމެންނަށް. ރަނގަޅު އަގު މިއަށް ނުލިބުން." ޝިޔާމް ބުންޏެވެ.

ތޮއްޑޫގެ އާބާދީގެ 200 އެއްހާ މީހުން އަންނަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންނެވެ. މިރަށުގެ ކޮންމެ އާއިލާއެއް ވަނީ ދަނޑުވެރިކަމާއި ގުޅިފައެވެ.