ކުޅިވަރު

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަނީ


އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެއިން ވާދަކުރަން ނިންމައިފިއެވެ. ރާއްޖެއިންވަނީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ ފުޓްސެލް މުބާރާތުގައި ބައިވެރިވެފައެވެ.

އޭއެފްސީ ފުޓްސަލް މުބާރާތުގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގައެވެ. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. ރާއްޖެއާއެކު މި ގުރޫޕްގައި ހިމެނެނީ އިރާންގެ އިތުރުން ތުރުކުމެނިސްތާން އާއި ކިރްގިސްތާންއެވެ. މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ އިރާންއެވެ.

ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގައި ޓީމްތައްވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާންގެ އިތުރުން ނޭޕާލް އެވެ. ކޮލިފައިންގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 1 އިން 15އަށެވެ. ރާއްޖެ ހިމެނޭ ސެންޓްރަލް އެންޑް ސައުތު ޒޯންގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކިރްގިސްތާންގައެވެ. އޭއެފްސީގެ ފުޓްސަލް އޭޝިއަން ކަޕް ކުރިއަށްދަނީ 25 ސެޕްޓެމްބަރުން އޮކްޓޫބަރު މަހުގެ 20ގެ ނިއަލަށް ކުވައިތުގައެވެ.

ރާއްޖެއިން އެންމެ ފަހުން ފުޓްސަލްގައި ވާދަކުރީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައެވެ. އަފްގާނިސްތާނާއި އުޒްބެކިސްތާނާއި ޔޫއޭއީ އަދި ޗައިނާއާ ވާދަކޮށް ރާއްޖެއިން މުބާރާތް ނިންމާލީ އެންމެ ފުލުގައި ޕޮއިންޓެއް ވެސް ނުލިބިއެވެ.