ދުނިޔެ

ރަޝިޔާގެ ދިފާޢީ އާ ސިޔާސަތު އެކުލަވާލައިފި


ރަޝިޔާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލުގެ ލިސްޓުގައި އެމެރިކާ ހިމަނާ ރަޝިޔާއިން އެގައުމުގެ ދިފާޢީ ސިޔާސަތު އެކުލަވާލައިފިއެވެ.މިއީ އެގައުމުގެ ތާރީޚުގައި މިފަދަ ސިޔާސަތެއްގައި އެމެރިކާގެ ނަން ހިމަނާފައިވާ ފުރަތަމަ ފަހަރެވެ. މި ސިޔާސަތާ ބެހޭ ލިޔުމުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ސޮއިކުރައްވާފައިވެއެވެ. މި ސިޔާސަތުގައި ބުނެފައިވަނީ ރަޝިޔާ ވަރުގަދަ ގައުމަކަށް ހެދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް މިކަމުގެ ސަބަބުން ރަޝިޔާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އިތުރު ކަންކަން ފެންމަތިވެފައިވާ ކަމަށެވެ.އަދި ބައިނަލްއަޤްވާމީ މައިދާނުގައާއި އެތެރޭގެ މަސްރަހުގައިވެސް ރަޝިޔާއިން މިނިވަން ސިޔާސަތެއް ގެންގުޅުމުގެ ސަބަބުން އެމެރިކާއާ އެގައުމަށް ވާގިދޭ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވާކަން ރަޝިޔާގެ މިސިޔާސަތުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއީ ބައިނަލްއަޤްވާމީ މައިދާނުގައި އެގައުމުތަކަށް އޮންނަ ބާރުތައް ގެއްލިދާނެ ކަމަށް ބިރުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ވެސް ރަޝިޔާގެ ސިޔާސަތުގައި ވަނީ ބުނެފައެވެ.