ޚަބަރު

ކޮލަމާފުށި މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން އާރްޑީސީއަށް


ގއ. ކޮލަމާފުށި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. ކޮލަމާފުށީގެ ހުރިހާ ބޮޑެތި މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދުވަނީ ސޮއިކޮށްފައެވެ.

ކޮލަމާފުށި މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ 408 ކިލޯ މީޓަރު މަގުގައި ތާރުއަޅާ މަގުގައި ފެން ހިންދާ ނިޒާމް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިމަސައްކަތުގެ ތެރޭގައި ހިމަނައިގެން މަގުބައްތި ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޠަލްހަތުއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކުއެވެ.

ޑިސައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަށް 85،329،687.67 (އައްޑިހަފަސް މިލިއަން ތިންލައްކަ ނަވާވީސްހާސް ހަސަތޭކަ އައްޑިހަ ހަތް ރުފިޔާ ފަސްދޮޅަސް ހަތް ލާރި) ޚަރަދުކުރުމަށްވަނީ ކަނޑައަޅާފައެވެ. އަދި މިމަޝްރޫޢުގެ މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ ރަށުގެ މަގުތައް އޮންނަ ގޮތުން ބޯކޮށް ވާރޭވެހހި ފެން ބޮޑުވާ ދުވަސްވަރު ރަށުގެ ރައްޔިތުން ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭކަމަށެވެ. ޚާއްސަކޮށް ސްކޫލަށްދާ ކުދިންނާއި މީހުންނަށް މިކަމުގެ ދަތިކަން ވަރަށްބޮޑަށް ތަހައްމަލްކުރަންޖެހެއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ވާރޭ ވެހޭ ދުވަސްވަރު މަގުތަކަށް ވެލިއަޅައިގެންވެސް މިމައްސަލައަށް ހައްލެއް ނުލިބޭ ކަމަށެވެ.

ހަމައެއާއެކު މި މަޝްރޫޢުގެ މަސައްކަތް ނިމިގެންދާއިރު ރަށުގެ ރައްޔިތުންނަށް ދިމާވާ ހިނގާބިނގާވެ އުޅުމާއި ދަތުރުފަތުރުކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެކަމަށް ވެސް ކައުންސިލްގެ ރައީސް ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެއްކަމަށް ވިދާޅުވެ ކައުންސިލްގެ ރައީސްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

އާބާދީގައި 1،668 މީހުން ދިރިއުޅޭ ގއ. ކޮލަމާފުށްޓަކީ ނިސްބަތުން ބޮޑު ރަށެކެވެ. ކޮލަމާފށީގައި ސަރުކާރުން މިހާރުވެސް ޖުމްލަ 10 މަޝްރޫޢުގެ މަސައްކަތެއް އަންނަނީ ކުރަމުންނެވެ.