ޚަބަރު

ޕީސީއާރް ގައިޑްލައިނާއި ޚިލާފްވި ޓުއަރިސްޓު އުޅަނދެއްގެ ހުއްދަ ބާތިލްކޮށްފި


ކޯވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޚިދުމަތްދޭ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ މިންގަނޑާއި ޚިލާފުވި އުޅަނދެއްގެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، ޕީސީއާރް ޓެސްޓިން މިންގަނޑުތަކާއި ޚިލާފުވި އުޅަނދެއްގެ ހުއްދަ ވަގުތީ ގޮތުން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި މިއުޅަނދުގެ މަޢުލޫމާތު އިމިގްރޭޝަނަށްވެސްދީ، އިމިގްރޭޝަން ލިސްޓުންވެސް އުޅަނދު އުނި ކުރެވިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް މިއީ ކޮން ބާވަތެއްގެ އުޅަނދެއް ކަމާއި، މައްސަލައިގެ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައި ނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއުޅަނދަށް ހުއްދަ އަލުން ދެވޭނީ އެޗްޕީއޭއިން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޚިދުމަތްދޭ ފަރާތްތަކަށް ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އުޅަނދުގެ ކަންކަން ހުރިތޯބަލައި ކަށަވަރު ކުރުމަށްފަހު ކަމަށެވެ.

މީގެ އިތުރުން މިހާރު ދުނިޔޭގެ ކަންކޮޅުތަކުގައި ކޯވިޑުގެ އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާއިރު، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޚިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭގެ އުސޫލުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓްރީން މީގެ ކުރީންވެސްވަނީ ކޯވިޑާ ގުޅިގެން އެކަށައަޅާފައިވާ މިންގަނޑުތަކާއި ޚިލާފުވި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތެރިވާ ބައެއް ފަރާތްތަކާމެދުވެސް ފިޔަވަޅުއަޅާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރުވެސް އެންމެ ބޮޑަށް ޕްރޮމޯޓު ކުރަމުން އަންނަނީ ފަތުރުވެރިންނަށް ރައްކާތެރި މާޙައުލެއްގެ ގޮތުގައެވެ. އެހެން ކަމުން މިނިސްޓްރީން އަންނަނީ އެޗްޕީއޭގެ މިންގަނޑު ހިފެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.