ޚަބަރު

ގޮއިދޫގައި ބާބަކިއު ހެދުމަށް ޚާއްސަ ސަރަޙައްދެއް


ބ.ގޮއިދޫގައި ބާބަކިއު ހެދުމަށް ޚާއްސަ ސަރަޙައްދެއް ޤާއިމްކޮށްފިއެވެ.

މި ސަރަޙައްދަކީ ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި، ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން ޤާއިމްކޮށްފައިވާ ތަނެކެވެ. ބާބަކިއު ހެދުމަށް ޚާއްސަ އިންތިޒާމުތަކާއެކު ފަރުމާކޮށްފައިވާ މިތަން ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު ވަނީ ހުޅުވާފައެވެ.

މި ތަނުގައި ހިޔާވާނެހެން ހަޓް ހަދައި، ބާބަކިއު ހެދުމަށާއި ކައްކައިކެއުމަށް ބޭނުންކުރާނެ ބެންޗާއި މޭޒުތައްވަނީ ބަހައްޓާފައެވެ. އޭގެ އިތުރުން ކުނި އެޅުމަށް މިސަރަހައްދުގައި ވަނީ ޑަސްބިންވެސް ބަހައްޓާފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ކުރިއަށްގެންދާ މިފަދަ މަޝްރޫޢުގެ ސަބަބުން އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ސަބަބުން ފާހަގަކޮށްލެވޭ އެތަށް މަޝްރޫޢެއް ހިންގުމަށް އެހީތެރިކަން ލިބިގެންދެއެވެ.

މި މަޝްރުޢުގެ ސަބަބުން ގޮއިދޫގެ ކުދިބޮޑު އެންމެން ހިތްފަސޭހަ ކަމާއިއެކު ވަގުތު ހޭދަކޮށްލުމަށްޓަކައި އުފާވެރި މާޙައުލެއް މިވަނީ ގާއިމްވެފައެވެ. މިފަދަ ތަނެއް ހެދުމުގެ އެންމެ ބޮޑު މަޤްސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި އަދި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމެވެ.

ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކެކެވެ. އަދި އެއީ ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލް ތަކެކެއްވެސްމެއެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 މަޝްރޫޢެއް ހިންގުމަށް ބީއެމްއެލްއިން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.