ޚަބަރު

ޗައިނާއާ ކުރިމަތިލުމަށް ޖަޕާނާއި އޮސްޓުރޭލިޔާއިން ދިފާޢީ އެއްބަސްވުމަކަށް


ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި ފުޅާވަމުންދާ ޗައިނާގެ ނުރައްކާތެރިކަމާއި ބާރާއި ނުފޫޒާ ކުރިމަތިލުމަށް ޖަޕާނާއި އޮސްޓުރޭލިޔާއިން ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގިނަ އަހަރުތަކެއްގެ މަސައްކަތްތަކަކަށް ފަހު ޖަޕާނާއި އޮސްޓުރޭލިޔާއާ ދެމެދު ޤާއިމުކުރި ދިފާޢީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކުޝީޑޯއާއި އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންނެވެ. ފާއިތުވި އަހަރުތަކުގައި ޗައިނާއާ ކުރިމަތިލުމަށް އޮސްޓުރޭލިޔާއިންވަނީ ޖަޕާނާއި އިންޑިޔާއާއި އެމެރިކާއާއި އިނގިރޭސިވިލާތާ ގުޅިގެން މަސައްކަތްކުރަން ފަށައިފައެވެ.

ޖަޕާނާއެކު ސޮއިކުރި ދިފާޢީ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޮރިސަން ވިދާޅުވީ ޖަޕާނަކީ އޭޝިޔާގައި އޮސްޓުރޭލިޔާއަށް މުޙިއްމު ބައިވެރިއެއްކަމަށެވެ. އަދި ދިމީޤްރާޠީ ހަމަތައް ޤަބޫލުކުރައި ދެ ޤައުމުން ގުޅިގެން ޤާނޫނީ ހަމަތަކާއި މިނިވަން ވިޔަފާރިއާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮސްޓުރޭލިޔާއަކީ ޖަޕާނުން ދިފާޢީ އެއްބަސްވުމެއް ޤާއިމުކުރި ދެވަނަ ޤައުމެވެ. މީގެ ކުރިން ޖަޕާނުން ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ހަމައެކަނި އެމެރިކާއާއެކުއެވެ. 1960ވަނަ އަހަރުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމެރިކާގެ އެތައް ހާސް ސިފައިންނަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި މަނަވަރުތައްވަނީ ޖަޕާނުގައި މަރުކަޒުވެފައެވެ.