ޚަބަރު

އޮމިކްރޯން ފެތުރޭތީ ތައިލޭންޑުން އިތުރަށް ސަމާލުވެއްޖެ


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރެން ފެށުމުން ތައިލޭންޑުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

ތައިލޭންޑުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ކޯވިޑް-19ގެ ޙާލަތު ގޯސްވެފައިވާ ސަރަޙައްދުތައް ފުރަބަންދުކުރުމާއި އެއްވުންތައް ބޭއްވުމުގެ ޙުއްދަ ނުދިނުމާއި އެތެރޭގެ ދަތުރުފަތުރުތައް މަދުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ބަލިމަޑުކަމުގެ އިތުރު ރާޅަކާ ތައިލޭންޑުން ކުރިމަތިލުމުގެ ފުރުޞަތު ބޮޑުކަމަށާއި ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުޙިއްމުކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ/

ތައިލޭންޑުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 5,775 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއީ އޭގެ ކުރީ ދުވަހަށްވުރެ %48 އިތުރު ޢަދަދެކެވެ. އަދި އެއީ ޖަނަވަރީ 1ވަނަ ދުވަހަށްވުރެ %50 އިތުރު ޢަދަދެކެވެ. އެ ޤައުމުގައި ޖުމުލަ 2.24 މިލިޔަން މީހުންނަށް ބަލިޖެހި 21,750 މީހުންވަނީ މަރުވެފައެވެ.

72 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތައިލޭންޑުގެ އާބާދީގެ %69 މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައެވެ. ނަމަވެސް ވެކްސިންގެ ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރ ޑޯސް ފުރިހަމަކޮށްފައިވަނީ އެންމެ %10 މީހުންނެވެ.