ޚަބަރު

މާލެއިން އައްޑޫއަށް ލަންކާ މަގުން ސްރީލަންކަންގެ ދަތުރު!


އެއް ދުވަހުގެ ޝޮޕިންގް ސްޓޮޕަކާއެކު މާލެއިން އައްޑޫ ސިޓީ ގަމަށް ކޮލަމްބޯ މަގުން ދެވޭ ޕެކޭޖެއް ސްރީލަންކަން އެއާލައިންސްއިން ތަޢާރަފުކޮށްފިއެވެ.

ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ސްރީލަންކަން އެއަރލައިންސްގެ ޖެނެރަލް ސޭލްސް އޭޖެންޓު، އޭސް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ފިރާޤް ވިދާޅުވީ، މިއީ ގަމާއި މާލެއާ ދެމެދު ކުރާ ޑޮމެސްޓިކް ދަތުރުތަކެއް ނޫންކަމަށެވެ. މި ޕެކޭޖުގެ ދަށުން ދަތުރުތައް ފަށަނީ ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ދަތުރުކުރާ ގޮތަށެވެ.

ނަމަވެސް މާލެއިން ކޮލަމްބޯއަށް ގޮސް އެއް ދުވަސް މަޑު ކުރުމަށްފަހު ގަމަށް، މި ޕެކޭޖްގެ ދަށުން ދެވޭނެ ކަމަށާ، މިއީ އާންމުކޮށް ރިސޯޓު މުވައްޒަފުން ޗުއްޓީ ހޭދަކުރުމަށް ރަށަށް ދާއިރު، ވިޔަފާރި ކޮށްލުމަށް ރަނގަޅު ފުރުސަތެއް ކަމަށް ފިރާޤް ވިދާޅުވިއެވެ.

މި ޕެކޭޖުގެ އަގުތަށް ފެށެނީ 340 ޑޮލަރުންނެވެ. އަދި ޕެކޭޖާބެހޭ އިތުރު މަޢުލޫމާތު އޭސް އޭވިއޭޝަންގެ ކޯލް ސެންޓަރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކަންގެ ދަތުރުތަށް މިދިޔަ އަހަރު ޑިސެމްބަރު މަހު އަލުން ގަމަށް ފެށިއިރު، މި ސަރަހައްދަށް އިތުރަށް މީހުން ގެނޭވެނެ ގޮތްތަށް އޭސް އެވިއޭޝަން އަދި ސްރީލަންކައިން އެއާލައިންސްއިން ދިޔައީ ބަލަމުންނެވެ. އެގޮތުން ދެކުނުގެ ފަތުރުވެރިކަން ރަނގަޅުކުރުމަށް ސްރީލަންކަންއާއި ޑޮމެސްޓިކް ފްލައިޓުތަކާއި ކަނެކްޝަން ހެދުމުގެ މަޝްވަރާތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން އޭސް އެވިއޭޝަނުން ވަނީ ކޯލް ސެންޓަރުގެ ޚިދުމަތް މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އައްޑުއަށް ބަދަލުކޮށްފައިކަމަށް ހާމަކޮށްފައެވެ. މިއާއެކު ޚިދުމަތްދޭ ދުވަސްތަކުގައި ދުވާލު 9 އިން ރޭގަނޑު 9 އަށް ކޯލް ސެންޓަރުގެ ޚިދުމަތް ލިބިގެން ދާނެކަމަށް ފިރާޤް ވަނީ ވިދާޅުވެއެވެ.