ޚަބަރު

"ހުރަވީ ދުވަހާއެކު ޤައުމިއްޔަތުގެ ބިންގާ ވަރުގަދަކުރަންޖެހޭ"


ޤައުމީގޮތުން ފާހަގަކުރެވޭ ދުވަސްތަކާއެކު ޤައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ޤައުމިއްޔަތުގެ ތަނބުތައް ވަރުގަދަކުރުމަށްޓަކައި ތިމާގެ ދައުރާއި ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށްޓަކައި ކުރެވެން އޮތް ކޮންމެކަމެއް ކުރުމަކީ ކޮންމެ މުޢާޠިނެއްގެ ޤައުމީ ޒިންމާއެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންއަންނަ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގެ މެސެޖުގައެވެ.

1443ވަނަ އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ހުރަވީ ދުވަސްފަދަ ޤައުމީ ދުވަސްތައް ފާހަގަކުރާއިރު ޤައުމީ އަބްޠާލުންގެ ޒިކުރާއާކޮށް އެބޭފުޅުން ޤައުމަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ މަތިން ހަނދާން ކުރަންޖެހޭކަމަށެވެ.

"ޤައުމީ ދުވަސްތައް އާކުރެވިގެންދާއިރު ޤައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ޤައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ، ތިމާގެ ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ތިމާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުމަކީ ކޮންމެ މުޢާޠިނެއްގެ ޒިންމާއެއް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ އެންމެމަތީ ބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިބަހާއި ދިވެހިތާރީޚާއި ސަގާފަތް ކަމަށާ، އެކަންކަން ދިރުވައި އާލާ ކުރުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއްކަމަށެވެ. އެޒިންމާ އަދާކޮށްގެން ނޫނީ އަންނަން އޮތް ޖީލުތަކާ ހަމައަށް ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ފޯރުކޮށްދިނުމަކީ ދަތިކާޟޭޢޤކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިފަދަ ދުވަހެއްގައި އެންމެން އަޒުމް ކަނޑައަޅަންވީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢިއްޒަތާއި ޝަރަފާއެކު ދިވެހިޤައުމިއްޔަތުގެ މިނިވަންކަމާއި އިސްތިޤްލާލު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީއިން ބާއްވާ ރަސްމީ ޖަލްސާއާއި ރަސްމީ ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހާއި 29ވަނަ ދުވަހު ކ.ހުރާގައެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަނީ ދޮންބަންޑާރައިން ހޮޅިންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވުމަށް ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.