ދުނިޔެ

އިންޑިއާގެ ކުރިއެރުމަށް ބަޔަކު ހަސަދަވެރިވޭ - މޯދީ


އިންޑިއާއަށް އަންނަމުންދާ ކުރިއެރުންތައް ބަލައިނުގަނެވޭނީ އިންސާނިއްޔަތުގެ ހަތުރުންނަށް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ވިދާޅުވެއްޖެއެވެ.އިންޑިއާގެ ޕަންޖާބް ސްޓޭޓްގައި ހުންނަ އެގައުމުގެ ވައިގެ އަސްކަރީ މަރުކަޒަކަށް ހަނގުރާމަވެރި ޖަމާޢަތަކުން ދިން ހަމަލާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑު ވަޒީރު ވިދާޅުވީ، ހަމަލާ ދިން ހަނގުރާމަވެރިންގެ އަމާޒަކަށް ވީ އިންޑިއާގެ އަސްކަރިއްޔާއަށް މުހިއްމު މި މަރުކަޒު ނައްތާލުން ކަމަށެވެ. މޯދީ ވިދާޅުވީ މި ހަމަލާ ދީފައިވަނީ އިންޑިއާއަށް ލިބެމުންދާ ކުރިއެރުންތަކަށް ހަސަދަވެރިވާ އިންސާނިއްޔަތާ ޚިލާފު ބައެއް ކަމަށެވެ.އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ދިން މި ހަމަލާގައި މަރުކަޒުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ގާޑުންގެ 2 މީހުން ވަނީ މަރުވެފައެވެ. އަދި ހަނގުރާމަވެރިންނާއި އިންޑިއާގެ ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ހަނގުރާމަވެރިންގެ 4 މީހުން ވަނީ މަރުވެފައެވެ. އިންޑިއާގެ ބޮޑު ވަޒީރު ވަނީ އިއްޔެގެ ހަމަލާއިން ދިފާޢުވުމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ކޮށްފައިވާ ހިތްވަރުގަދަ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.