ހދ.ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، 398 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 103 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 1812 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުން އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހު ނިމިގެންދިޔަ މި މަސައްކަތަކީ 55.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ނެއްލައިދޫ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 2020ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. ނެއްލައިދޫއަކީ ގާމަތީ ރަށަކަށްވުމުން ލަފާފުރުމުގެ ދަތިކަމަކީ އެރަށުގެ ރައްޔިތުންނަށް ޒަމާނުންސުރެ ކުރިމަތިވެފައި އޮތް ބޮޑުމައްސަލައެކެވެ. އާބާދީގައި 869 މީހުން ދިރިއުޅޭ ނެއްލައިދޫގައި ލަފާފުރުމަށާއި މަސްވެރިކަމަށް 60 އަށްވުރެ ގިނަ އުޅަނދު އޮވެއެވެ.
ނެއްލައިދޫގައި ސަރުކާރުން ފުރަތަމަ ބަނދަރެއް ހަދަން ފަށާފައިވަނީ 2011ވަނަ އަހަރުއެވެ. 400 ފޫޓްގެ މިބަނދަރު ނިންމައި 2016ވަނަ އަހަރު އެރަށުގެ ރައްޔިތުން ވަނީ ބޭނުންކުރަން ފަށާފައެވެ. އެހެން ނަމަވެސް މިބަނދަރުގެ ޚިދުމަތް ރައްޔިތުންނަށް ލިބުނީ ކުޑަދުވަސްކޮޅަކަށެވެ. ބަނދަރަށް ވެލިވަދެ ބަނދަރު ބޭނުން ނުކުރެވޭވަރަށް ތިލަވެ އަލުން ތަރައްޤީކުރަން ޖެހުނެވެ. މިއާއެކު އަނެއްކާވެސް ރައްޔިތުންނަށް ލަފާފުރުމުގައި ދަތިކަމާ ކުރިމަތިވިއެވެ.
އަނެއްކާވެސް 2019ވަނަ އަހަރު ސަރުކާރުންވަނީ ނެއްލައިދޫގެ ބަނދަރު ފުންކޮށް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެރަށުގައި ބޭނުންކުރާ ކަނޑުއުޅަނދުފަހަރު ގިނަވުމާއި ބަނދަރު އޮތްގޮތުން ވެލިވަދެ ބަނދަރު ސަރަޙައްދު ތިލަވުމުގެ މައްސަލައަށް ޙަލު ގެނެވޭނެހެން މިމަސައްކަތް ކުރިއަށް ގެންދެވުމަށް ރައްޔިތުން އެދުނެވެ.
މިއާއެކު އެރަށުގެ ބަނދަރު ބޮޑުކޮށް އަލުން ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދެވީ ރައްޔިތުން ބޭނުންވާ ގޮތަށެވެ. އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަސައްކަތް މިހާރުވަނީ ނިންމާފައެވެ. މި ބަނދަރުގެ ސަބަބުން ނެއްލައިދޫގައި ޒަމާނުންސުރެވެސް ރައްޔިތުންނަށް ދިމާވެފައި އޮތް ލަފާފުރުމުގެ މައްސަލަ ހައްލުވެ، އުޅަނދުތަކަށް ރައްކާތެރިކަން ލިބޭނެއެވެ.