ޚަބަރު

ކަރަންޓުގެ ޚިދުމަތް މިވީ ތިންއަހަރު ދެގުނަ ކުރެވިއްޖެ: ރައީސް


ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަރަންޓް ފޯރުވައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިވީ ތިން އަހަރު ތެރޭގައި ކަރަންޓުގެ ޚިދުމަތް ދެގުނަ ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނ.މަގޫދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި، އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުންދަނީ ލާމަރުކަޒީ އުސޫލުންކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު، އަސާސީ ޚިދުމަތްތައް ނުލިބި އެތައް ރަށެއްގެ ރައްޔިތުން ތިބިއިރު، މިކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު ވައުދުކަމަށެވެ. އަދި މިހާތަނަށް މިމަސައްކަތުގެ ތެރެއިން އަސާސީ މަސައްކަތް ނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު މަގޫދޫގައި ހުޅުވުނު އިންޖީނުގެއަކީ މީގެ ކުރިން އެރަށުގެ ރައްޔިތުންގެ ދިރިއުޅޭ ސަރަހައްދުގައި މީހުންނަށް ދަތިވާގޮތަށް ހުރި އިމާރާތް ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވުނު އައު އިންޖީނުގެއެކެވެ. މިއާއެކު މަގޫދޫގެ ގެތަކަށް ކަރަންޓުގެ ޚިދުމަތް ފަސޭހައިންލިބި ކުރިމަތިވި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެން ގޮސްފާއިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރައްވަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން އެކަމާއި ކަންބޮޑުވާ ނޫނީ ދެރަވާނެ ބަޔަކު އުޅޭނެކަމަށާއި، ނަމަވެސް ސަރުކާރުން ތަރައްޤީ ގެންނަނީ ރައްޔިތުންނާއި، ގުޅިގެން ލާމަރުކަޒީ އުސޫލުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިގެންނަ ތަރައްޤީ ފެނިފައި އުދަނގޫވާނެ ބަޔަކު ތިބެދާނެ. އަޅުގަނޑުމެންގެ ތަރައްޤީއާއި އެބޭފުޅުންގެ ތަރައްޤީއާއި ތަފާތު. އަޅުގަނޑުމެން ތަރައްޤީ އަމާޒުކޮށްފައިވަނީ ސީދާ ރައްޔިތުންނަށް. އެވިސްނުމުގައި ތަރައްޤީ ކުރަމުންދަނީ." ރައީސް ޞާލިހު ވިދާޅުވިއެވެ.

ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް އޮތީ ވަރަށް ދަށް ހާލަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގައި ދެވެމުންދަނީ 70 މެގަވޯޓުގެ ކަރަންޓު ކަމަށާއި، މިވެރިކަން އައިފަހުން މިއަދަދު ދެގުނަ ވެފައިވާކަމަށާއި، އެގޮތުން 140 މެގަވޯޓުގެ ކަރަންޓު މިހާރު ފޯރުކޮށް ދެމުންދާ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިމަސައްކަތް ކުރުމުގައި ފެނަކައިން ކުރަމުންދާ މަސައްކަތަކީ ފާހަގަކޮށްލެވޭ ޝުކުރު ހައްގު މަސައްކަތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2030 ވަނަ އަހަރުގެ ނެޓް ރީޒޯގެ އަމާޒަށް ވާސިލް ވުމަށްވެސް ދުރާލައި މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގައި ދެވެމުންދަނީ 16 މެގަވޯޓުގެ ސޯލަރ ހަކަތަކަމަށެވެ. ނަމަވެސް މިހާރު ސަރުކާރު އައިފަހުން 20 މެގަވޯޓް ސޯލަރ ހަކަތަ އުފައްދައި ރަށްތަކަށް ފޯރުކޮށް ދެމުންދާކަމަށެވެ. ސަރުކާރުގެ އަމާޒަކީ މިފަސް އަހަރު ނިމުމުގެ ކުރިން މިއަދަދަތު 52 މެގަވޯޓަށް އިތުރު ކުރުން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.