އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިންނާއި އޭނާގެ ލޯބިވެރިޔާގެ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ދަޢުވާ ކުރުމަށް ކްރމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. މިދަޢުވާ މާވިިންގެ މައްޗަށް ކުރަނީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަދުވަހުގެ މެންދުރުގެ ވަގުތެއްގައި މީނާ ދިރިއުޅޭ ގޭގެތެރޭގައި އަންހެނުންގެ ބޮލާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލަައިފައިވާތީއެވެ. މި ކުށުގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.
މެރީގެ މަރުގެ މައްސަލާގައި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދިވެހި ނަރުސް ޅ.ހިންނަވަރު މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ވަނީ 3 ދަޢުވާއެއް އުފުލާފައެވެ. އެނާގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާއާޢި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދަޢުވާއެވެ.
ހަލީމަތުގެ މައްޗަށް އުފުލާފައިވާ، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އޭނާގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީ، މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެެރިވެ އެ އަމަލު ހިންގުމަށް މާވިންނަށް މަގުފަހިކޮށްދީފައިވާތީއެވެ.
ހަލީމަތު ލަމްހާގެ މައްޗަށް ކުރާ އަނެއް ދެ ދަޢުވާގައި ވަނީ އޭނާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު އޭނާގެ ކޮޓަރި ތެރެއިން އައިޖީއެމްއެޗްގެ ހުއްދައަކާ ނުލާ އެ ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ އިންޖެކްޝަންތަކެއް ފެނިފައިވާކަމަށެވެ. އަދި ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ ބޭސްތަކެއްވެސް ލަމްހާގެ ކޮޓަރިން ފެނިފައިވާކަމަށްވެސް އެ ދައުވާގައިވެއެވެ.
ލަމްހާގެ މައްޗަށް އުފުލާފައިވާ 3 ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން 6 އަހަރާއި 5 މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަޖީއެމްއެޗްގައި ޑައިލިސިސް ޔުނިޓްގައި މަސައްކަތްކުރާ ގްރޭސް މަރާލާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުއެވެ. މަރުވެފައި އޮއްވާ މޭރީ ނަގައިގަނެގެން ގެންދިޔުމަށްފަހު އޭނާގެ ފިރިމީހާ ބުނެފައިވަނީ މޭރީ މަރުވެފައި ވަނީ ދަންޖެހިގެންކަމަށެވެ.
މިމައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އަދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. އަދި މައްސަލަ އިތުރަށް ތަޙުޤީގުކުރުމަށް، އަންހެން މީހާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާ ޕޯސްޓްމޯޓަމްވެސް ހަދާފައިވެއެވެ. ޕޯސްޓްމޯޓަމަށްފަހު ފުލުހުން ބުނެފައިވަނީ އަންހެން މީހާ މަރުވެފައިވަނީ މީހަކުދިން އަނިޔާއަކުންކަން ހާމަވެފައިވާކަމަށެވެ.