ޚަބަރު

ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް - ލަންދޫ ކައުންސިލް


މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށް ނ.ލަންދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފިއެވެ.

ކައުންސިލުން މިގޮތަށް ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.ލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މިއަދު މެންދުރު ލަންދޫ ސްކޫލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ލަންދޫގައި މިއަދު ހުޅުވި އައު ބަނދަރަކީ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސްގެން ފަރުމާކުރެވިފައިވާ ބަނދަރެއް ކަން ފާހަގަކުރައްވާފައެވެ.

ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މިގޮތުން ކައުންސިލުން އެންމެ އިސްކަމެއްދެއްވައިގެން އަލިއަޅުއްވާލައްވާފައިވަނީ އޮޑިފަހަރު އެހެލުމުގެ އިންތިޒާމް ފަހިކޮށްދެއްވުމަށާއި، ލަންދޫ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ޚާއްޞަ މާޙައުލެއް ޤާއިމުކޮށްދެއްވުމަށެވެ. މީގެ އިތުރުން ވެސް ކުނީގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ރަށުގެ އަންހެން ވެރިންނަށް ޚާއްޞަކޮށްގެން އައުޓްޑޯ ޖިމެއް ޤާއިމުކޮށްދެއްވުމުގެ އިތުރުން ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ވިދާޅުވިގޮތުގައި ލަންދޫ ބަނދަރަކީ ދުވަސްވީ މަސައްކަތެއްކަން ފާހަގަކުރައްވައި، މިފަދަ މަސައްކަތްތައް ކުރުމުގައި މި ސަރުކާރުން ރައްޔިތުންނާއި ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް މި އަހަރަށް ބަޖެޓްކުރެވިފައިވާ ފުޓްބޯޅަ ދަނޑު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އެ މަނިކުފާނު ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.