ފާއިތުވެ ދިޔަ ދެ އަހަރު ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ދަތިތަކާއެކު ވެސް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ %85 މަސައްކަތް ގިނަ ރަށްރަށުގައި މިހާރު ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި އަމާޒަކީ މި ވަޢުދުތައް އެކީ ފުއްދައި ނިންމުންކަމުގައި ވިދާޅުވެފައެވެ.
މާފަރު ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުން ވަނީ އެ މީހުންގެ ޚިޔާލާއި ފިކުރާއި ރަށް ތަރައްޤީކުރުމުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މިގޮތުން، ރައްޔިތުން ވަނީ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާއި، ރަށުގެ އިހްތިޞާޞާއި ގުޅޭ ކަންބޮޑުވުންތަކާއި، މާފަރު އެއަރޕޯޓާގުޅޭ ކަންކަމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރުގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާއި ރާއްވަވާފައިވާ ބައެއް ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މާފަރަކީ އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިންގާ ރަށަކަށް ވުމާއެކު ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ރަނގަޅުކުރުމަށް ވަނީ ނިންމަވާފައެވެ. އަދި މި އަހަރު މާފަރުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދަވާނެކަމަށްވެސް ވިދާޅުވިއެވެ.