ޚަބަރު

އެއަރޓްރެފިކް މޫވްމަންޓުގައި ރެކޯޑެއް


އެއް ދުވަހުގެތެރޭ އެންމެ ގިނަ އެއަރ ޓްރެފިކް މޫވްމެންޓް މިހާތަނަށް އައީ މިހަފްތާގެ އާދީއްތަ ދުވަހުކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އާދީއްތަ ދުވަހު މުޅި ޖުމްލަ 826 އެއަރ ޓްރެފިކް މޫވްމެންޓް ރެކޯޑު ކުރެވުނެވެ. މީގެ ކުރީން މިދިޔަ އަހަރު ޖެނުއަރީ މަހުގެ 5ވަނަ ދުވަހު 811 މޫވްމެންޓް ރެކޯޑު ކުރެވިފައިވެއެވެ. އެހެން ކަމުން އާދިއްތަ ދުވަހު މިއީ ވެލާނާ އެއަރޕޯޓުގެ މުޅިން އައު ރެކޯޑެއް ކަމަށް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

އާދިއްތަ ދުވަހު ވެލާނާ އެއަރޕޯޓުން އެއަރޓްރެފިކް މޫވްމެންޓަށް ބަލާއިރު، އެންމެ ގިނަ ދަތުރުކޮށްފައިވަނީ ސީޕްލޭންތަކުންނެވެ. އެގޮތުން 593 ސީޕްލޭން މޫވްމެންޓް ރެކޯޑު ކުރެވިފައިވާއިރު އެއަރޕޯޓު ރަންވޭއި މެދުވެރިކޮށް 233 ވައިގެ މޫވްމެންޓް ވަނީ ރެކޯޑު ކުރެވިފައެވެ.

ވެލާނާ އެއަރޕޯޓުގައި ފްލައިޓު މޫވްމެންޓް އިތުރުވެފައިވާއިރު، އެމްއޭސީއެލްއިން ދަނީ އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރުމަށްވެސް ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ އެއަރ ޓްރެފިކް ޓަވަރ ސިމިއުލޭޓަރ މިދިޔަ މަހު ފަހުކޮޅު ވެލާނާ އެއަރޕޯޓުގައި ވަނީ އިފްތިތާޙްކޮށްފައެވެ. އަދި މިތަނުން ރާއްޖޭގެ ކޮންމެ އެއަރޕޯޓެއްވެސް ސިމިއުލޭޓް ކުރެވޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ވެލާނާ އެއަރޕޯޓަކީ ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވާ މައި ދޮރާއްޓެވެ. އެގޮތުން ވެލާނާ އެއަރޕޯޓަށް މިހާރުވެސް 30އަށްވުރެ ގިނަ އެއަރލައިން މިހާތަނަށް ވަނީ ގުޅާލެވިފައެވެ.