ދުނިޔެ

ޓެރަރަޒިމްގެ ކުށުގައި 47 މީހަކު ސަޢުދީ އަރަބިއްޔާގައި މަރާލައިފި


ޓެރަރިޒަމްގެ ކުށް ސާބިތުވި 47 މީހަކު ސަޢުދީ އަރަބިއްޔާގައި މަރާލައިފިއެވެ.ސަޢުދީ އަރަބިއްޔާއިން މި މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައިވާއިރު، މީގެތެރޭގައި ހިމެނޭ ގިނަ މީހުންނަކީ 2003 ވަނަ އަހަރާއި 2006 ވަނަ އަހަރާއި ދެމެދު އަލްޤައިދާ ޖަމާޢަތުން އެ ޤައުމުގައި ދިން ސިލްސިލާ ހަމަލާތަކުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވި މީހުންނެވެ. މަރުގެ ޙުކުމް ތަންފީޒު ކުރެވުނު މީހުންގެ ތެރޭގައި ޝީޢީ މުސްލިމް އިލްމުވެރިއެއް ކަމަށްވާ ނިމްރު އަލް ނިމްރުވެސް ހިމެނޭ ކަމަށް ސަޢުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ހާމަކުރައްވައެވެ. އޭނާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ސަޢުދީ އަރަބިއްޔާއަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެ، އިރާނުން މީގެ ކުރިން އެ ޤައުމަށް އިންޒާރު ދީފައިވެއެވެ. ނިމްރު އަލް ނިމްރާއެކު އިތުރު 6 މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައިވަނީ ސަޢުދީ އަރަބިއްޔާގެ ސަރުކާރާއި ދެކޮޅަށް 2011 ވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދު އެޤައުމުގައި ބޭއްވުނު މުޒާހަރާތަކުގެ މައްސަލައިގައެވެ. މި މުޒާހަރާތަކުގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 20 މީހުން މަރުވެފައިވެއެވެ.