ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ނ.އަތޮޅުގެ 5 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީގެ 5 ރަށަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ ނ.މާފަރާއި ލަންދުއާއި މަނަދޫއާއި މަގުދުއާއި ހޮޅުދުއަށެވެ.

މި ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ނ.އަތޮޅު ކައުންސިލާއި ވަކިވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނު ދަތުރުކުރައްވާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައި ދެއްވުމަށާއި، މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށާއި، ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.