ނ.މާޅެންދޫގައި ދުވާލާއި ރޭގަނޑުވެސް ފަސޭހަކަމާއެކު މަސްކަނޑަން ބޭނުންކުރެވޭގޮތަށް މަސްކަނޑާ ތަނެއް ތަރައްގީކޮށްފިއެވެ.
މި މަސްކަނޑާތަން ތަރައްގީކޮށްފައިވަނީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ސޮސައިޓީ ފޯރ ލީޑާރސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ(އެސް.އެލް.އައި.ޑީ) ފަރާތުންނެވެ.
މިތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވެއެވެ. އަދި މީގެ އިތުރުން ސާފު ފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން ފަރުމާކޮށްފައިވާއިރު ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް އެތަނުގައި ހުންނާނެއެވެ. އަދި މެސްކެނޑުމަށްފަހު އުކާލެވޭ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މި މަސްކަނޑާތަނުގެ އެންމެބޮޑު އެއް ބޭނުމަކީ، މާޅެންދޫގެ މަސްވެރިންނާއި އެހެނިހެން ރަށްރަށުން މާޅެންދުއަށް އަންނަ މަސްވެރިންނަށް، މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދިނުންކަމުގައި އެސް.އެލް.އައި.ޑީން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް އެ ރަށުގެ މަސްވެރިން މަސްކަނޑަމުން އައީ ޖެޓީ މަތީގައި، ދޭހާ އަތްވަކާއި ވެހޭހާ ވާރޭއެއްގައެވެ.
With the support of BML Community Fund, Society for Leaders Initiate Development has built a fish-cutting platform at N. Maalhedhoo! ?
— Bank of Maldives (@bankofmaldives) January 3, 2022
This platform can be used by 8 people at a time and is equipped with a storage area, fresh water, electricity, proper drainage and dustbins. pic.twitter.com/35FSzpcNSw
މި މަސައްކަތަށް ބީއެމްއެލްއިން ދެއްވި މާލީ އެހީތެރިކަން ފާހަގަކޮށް، އެސް.އެލް.އައި.ޑީން ވަނީ ޝުކުރު ދަންނަވާފައެވެ. ބީއެމްއެލްގެ ފަރާތުން ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 މަޝްރޫޢެއް ހިންގުމަށް އެސް.އެލް.އައި.ޑީއަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މާޅެންދޫގައި ޤާއިމުކުރި މި މަސްކަނޑާތަނުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ޚާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސްވިއްކުމަށް ފަސޭހަވެގެންދާނެއެވެ. އައު އަހަރާ ދިމާކޮށް ހުޅުވި މި މަސްކަނޑާތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.