ޚަބަރު

ހުޅުމާލޭ ސިފައިންގެ ޕޯސްޓްގައި މިސްކިތެއްގެ ބިންގާ އަޅައިފި


އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއިއެކު، ހުޅުމާލެ ސިފައިންގެ ޕޯސްޓުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ މިސްކިތަކާއި ފުޓްސަލް ދަނޑުގެ ބިންގާ އަޅައިފިއެވެ. މިކަމަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ކުރިއަށްދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އެ ދެ ތަނުގެ ބިންގާ އަޅުއްވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އާއި އިސްލާމިކް މިނިސްޓަރގެ އިތުރުން އެމްއެންޑީއެފްގެ އިސްވެރިނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޖަރ ޖެނެރަލް އަހުމަދު ޝިހާމް ވިދާޅުވީ ސިފައިންނަކީ ދީނީ ވާޖިބު އަދާކުރާ، ޤައުމަށް އިހްލާސްތެރި ބައެއް ކަމުން، އެމީހުންގެ އެތެރެފުށާއި ބޭރުފުށް ސާފުކޮށް ރީތިކޮށް ތިބެންޖެހޭ ބައެއް ކަމަށެވެ. އަދި ހަށިގަނޑާއި ފުރާނައިން ޤުރުބާން ވާންޖެހިއްޖެ ހިނދެއްގައި ޤުރުބާންވެގެން ނަމަވެސް މި ޤައުމާއި ރައްޔިތުންނާއި ޤައުމުގެ ވެރިން ސަލާމަތްކުރުން މަތީގައި ސިފައިން ދެމިތިބޭނެ ކަމުގައި ޝިޔާމް ވިދާޅުވި އެވެ.ޝިޔާމް ވިދާޅުވީ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ހުޅުމާލޭގައި އެމްއެންޑީއެފްގެ ޕޯސްޓެއް ޤާއިމުކުރަން ޖެހުނީ ދިވެހިރާއްޖޭގައި މިހާރު ޢުމުރާނީގޮތުން އެންމެ ތަރައްޤީވަމުން އަންނަ ސިޓީއަކީ ހުޅުމާލެ ކަމުގައިވާތީ ކަމަށެވެ. އަދި ސިފައިންގެ ޚިދުމަތް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އެންމެ ކައިރިން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ. ހުޅުމާލޭ ސިފައިންގެ ޕޯސްޓުގައި މިސްކިތް އެޅުމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ. އެމްއެންޑީއެފް އިން ބުނީ މި ބިންގާ އެޅުނު މިސްކިތަކީ އެމްއެންޑީއެފްގެ އިސްވެރިންގެ އިސްނެއްގެވުމާއެކު އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު އެޅުމަށް ހަމަޖެހިފައިވާ މިސްކިތެއް ކަމަށާއި ފުޓްސަލް ދަނޑުގެ މަސައްކަތަކީ ސިފައިންގެ ވެލްފެއަރ ކުންފުނި - ސިވެކްގެ އެހީތެރިކަމާއެކު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށެވެ.