ޚަބަރު

ވަޤުފް ފަންޑަށް ނަގުދު ފައިސާއިން އެހީވުމުގެ ފުރުސަތު


ވަޤުފް ފަންޑަށް ނަގުދު ފައިސާއިން އެހީދޭން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިސްކިތްތަކަށް އެހީވާ ފަންޑާއި ދީނީ ކަންކަމަށް އެހީވާ ފަންޑަށް ނަގުދު ފައިސާއިން އެހީދޭން ހުޅުވާލީ އެގޮތަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ. ނަގުދު ފައިސާއިން އެހީވެދޭން އެދޭ ފަރާތްތަކަށް އެ ފުރުސަތު އަންނަ އޭޕްރިލްމަހުގެ ނިޔަލަށް އޮންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ރިސެޕްޝަނުން ނަގުދު ފައިސާއިން ބަލައިގަންނަމުންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް، ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެއެވެ. ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ބޭނުންކުރާނީ https://bandeyripay.finance.gov.mv ލިންކުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިސްކިތު ފަންޑަކީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން މިސްކިތްތަކާއި ގުޅޭ އެކިކަންކަމަށް ޚަރަދުކުރުމަށް އުފައްދާފައިވާ ވަޤުފް ފަންޑެކެވެ. މިފަންޑުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އެތައް މިސްކިތްތަކެއްގެ ތަފާތު މަސައްކަތްތަކެއް ކައުންސިލްތަކާއި ގުޅިގެން މިނިސްޓްރީންދަނީ ކުރަމުންނެވެ.

މީގެ ކުރިންވެސް މިސްކިތްތަކަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް މިފަންޑަށް ފައިސާ ޖަމާކުރަން ހުޅުވާލުމުން ގިނަ ބައެއްގެ ފަރާތުން މިކަމަށް ބޮޑު ތަރުޙީބެއް ލިބި ގިނަ އަދެއްގެ ފައިސާވަނީ ފަންޑަށް ޖަމާކޮށްފައެވެ.