ކުޅިވަރު

ކޮމަންވެލްތް ގޭމްސްގެ ދަންމަރުގެ ހަރަކާތްތައް ނިންމާލައިފި


ބަރމިންގހަމް 2022 ކްއީންސް ބެޓްން ނުވަތަ ކޮމަންވެލްތް ގޭމްސްގެ ދަންމަރާއެކު ހއ އާއި ހދ.ގެ ރަށްތަކުގައި ކުރިއަށްގެންދިޔަ އިވެންޓްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިސަރުކާރުން ކޮމަންވެލްތުގައި ބައިވެރިވުމާއެކު، ރާއްޖެއަށް މިހާރުވަނީ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައެވެ. ކޮމަންވެލްތް ގޭމްސްގެ ދަންމަރު ރާއްޖެ އައުމާއެކު އެދަންމަރަށް މަރުބަހާ ދަންނަވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ކޮމަންވެލްޓް ދަންމަރު އާއުމާއެކު އެދަންމަރަށް މަރުހަބާ ކިއުމާއި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުން ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމުގެގޮތުން ވަނީ އެކަމަށްޓަކައި ހާއްސަ މިއުޒިކް ޝޯއެއްވެސް ބާއްވާފައެވެ. މިޝޯގައި އާންމުންނަށް ދަންމަރު ދައްކާލާފައިވާއިރު، ދަންމަރާއެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ. އަދި މީގެ އިތުރުން ހދ. ނޮޅިވަރަމް ފަރު އާއި ނޯޅިވަރަމް އަދި ހއ.ދިއްދޫގައި ވަނީ ދަންމަރުގެ ހާއްސަ ހަރަލާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މީގެއިން ކޮންމެ ރަށެއްގައިވެސްވަނީ ކޮމަންވެލްތް ގޭމްސްގެ ދަންމަރާއެކު ހާއްސަ ދުވުމެއް ބާއްވާފައެވެ. އަދި ކޮންމެ ރަށެއްގައިވެސްވަނީ ގޮޑުދޮށް ސާފް ކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. ކޮންމެ ހަރަކާތެއްގެ ތެރެއިން ވެސް ވަނީ ހަރަކާތްތަކުގައި ބައިވެރިވި ކުދިންނަށް ހާއްސަކޮށްގެން، މެސްޖްތަކެއް ދީފައެވެ. މުސްތަގްބަލުގައި ކަންތައްތައް ކުރާނެ ގޮތާއި ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާއި ބެހޭގޮތުން ވެސް ވަނީ ބައިވެރިންނަށް މަޢުލުމާތުދީފައެވެ.

ކޮމަންވެލްތު ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް ތާރީޚީ ފަހަރެއްކަމަށާއި ކޮމަންވެލްތުގައި ރާއްޖެއިން ބައިވެރިވުމާއެކު، މިފަދަ ފުރުސަތެއް ރާއްޖެއަށް ލިބުމަކީ ކޮމަންވެލްތުގެ ގައުމުތަކުން ރާއްޖެ ބަލައިގަނެފައިވާކަމުގެ ހެއްކެއްކަމަށެވެ. މިދަންމަރުގެ ހަރަކާތްތަށް ކުރިއަށްދިޔަ ތިން ރަށުންވެސް މިކަމަށް ދިން ސަމާލުކަމާއި، އިވެންޓްތަށް ކުރިއަށްގެންދިއުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް އެމްއޯސީގެ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބަރމިންގހަމް 2022 ކްއީންސް ބެޓްން ނުވަތަ ކޮމަންވެލްތް ގޭމްސްގެ ދަންމަރު ރާއްޖޭގައި ތިން ދުވަސް ހޭދަކުރުމަށްފަހު، މިހާރު ދަންމަރުވަނީ އަވަށްޓެރި ސްރީލަންކާއަށް ގެންގޮސްފައެވެ. ސްރީލަންކާގައިވެސް މިދަންމަރާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މަޢުލުމާތުލިބެއެވެ.