ޚަބަރު

ފަތުވެރިކަން ކާމިޔާބުވީ ސިނާޢަތުގެ ރައްކާތެރިކަމަށް ދިން އަހަމިއްޔަތުކަމުގެ ސަބަބުން: ތައްޔިބު


ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހާސިލުކުރީ، ސިނާޢަތުގެ ރައްކާތެރިކަމަށް ހާއްސަ އަހަމީއްޔަތެއް ދެވުމުގެ ސަބަބުންކަަމަށް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބްރޭކިންގް ޓްރެވެލް ނެޓްވޯކް ވެބްސައިޓަށް އަހަރު ނިމުނުތަނާހެން ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ތޮއްޔިބު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބެމުންދާ ކާމިޔާބީއަކީ ސިނާޢަތުގެ ރައްކާތެރިކަމަށް ދެވުނު އަހަމީއްޔަތުކަންކަމަށެވެ. އެގޮތުން ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރެވުނު ކަމަށާއި، ރަށްތަކުގެ ޖަޒީރާވަންތަކަމުގެ ފައިދާ ވަރަށް ބޮޑަށް ލިބިގެންދިޔަކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނަށް ވެކްސިން ފޯރުކޮށްދިނުމާއި، ފަތުރުވެރިންގެ އަދި މުވައްޒަފުންގެ ރައްކާތެރިކަމަށް އެޗްޕީއޭގެ ފިޔަވަޅުތަކަށް ޢަމަލު ކުރުމަށް ވަރަށް ބޮޑަށް ވަނީ ބާރުއަޅާފައެވެ. މީގެއިތުރަށް ރާއްޖެ އަންނަ ފަތުރުވެރިން ވެކްސިނޭޓްވުމުން އިތުރު ލުއިފަސޭހަތަކެއްވެސް ވަނީ ދީފައެެވެ.

މިއާއިއެކު ދާދިފަހުން ދެވަނަ ފަހަރަށް ހާސިލު ކުރި ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ ލަޤަބުންވެސް ފަތުރުވެރިންނަށް ރާއްޖޭގެ ރައްކާތެރިކަމުގެ ޔަޤީންކަން ލިބިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވި ގޮތުގައި މި ލަޤަބު ހޯދުމަށް ވޯޓު ދިން ގިނަ މީހުން ދީފައިވަނީ، ރާއްޖެއަކީ ހުރިހާ ބާވަތެއްގެ އަދި ހުރިހާ ފަންތިއެއްގެ ފަތުވެރިކަމަށް ފުރުސަތު އޮތް ތަނަކަށްވުމުން ކަމަށެވެ. އެގޮތުން ރިސޯޓުތައް ފިޔަވައި އެހެން ރަށްރަށުގައިވެސް ފަތުރުވެރިންނަށް ގިނަ ފުރުސަތުތަކެއް ހުރުމުން ސިނާޢަތުގެ އެހެން ވާދަވެރިންނާއި އަޅާ ބަލާއިރު ރާއްޖެ ތަފާތުވާކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

އަދި މިއަހަރަށް އެޅިއިރު ފަތުރުވެރިކަމުގެ ސިނާޢަތް އިޔާދަވެފައިވާ ކަމަށާއި، ބައިގަރުނު ތެރޭ ރާއްޖޭގެ ފަތުރުވެރިކަން ޤައުމު އެއްކޮށް ބަދަލުކޮށް ކުރިއަށް ޖައްސާފައިވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ދެ އަހަރުވެސް ލިބުނު ފިލާވަޅަކީ ދުނިޔެ އަބަދުވެސް އޮންނާނީ ހާލަތު ބަދަލުވޭވޭކަމަށާއި އެކަން އަބަދުވެސް ދެންމި އޮންނާނެ ކަމަށެވެ. އެހެން ކަމުން ކޮންމެފަދަ ބަދަލެއް އަޔަސް އެންމެން ގުޅިގެން އެއްބައިވަންތަ ވެގެން ކޮންމެ ފަދަ ހާލަތެއްވެސް ގިރާ ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.