އިންގްލިޝް ޕްރިމިއަރ ލީގުގައި އެވަޓަން އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރިމެޗުން ބަލިވެ އެވަޓަންގެ ކޯޗް ރަފައަލް ބެނީޓޭޒަށް ޕްރެޝަރު އިތުރުވެއްޖެއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް ބްރައިޓަން ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.
މެޗްގެ ކުރީކޮޅު ބްރައިޓަންއިން ވަނީ މޮޅު ކުޅުމެއް ދައްކާ އެވަޓަން ސިއްސުވާލާފައެވެ. މިގޮތުން ބްރައިޓަންއިން ވަނީ މެޗްގެ 8 ވަނަ މިނެޓްގައި އެލެކްސިސް މެކްއެލިސްޓަރ ޖަހައިދިން ލަނޑުން އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗްގެ 21 ވަނަ މިނެޓްގައި ޑެން ބަން ވަނީ ބްރައިޓަންގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެން ދިޔައެވެ. ޚާއްސަކޮށް އެވަޓަންއަށް ލިބިގެންދިޔަ ޕެނަލްޓީ ފާހަގަ ކޮށްލެވެއެވެ. މެޗްގެ 25 ވަނަ މިނެޓްގައި ޑޮމިނިކް ކެލްވަރޓް ލުއިން ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށެވެ. މިމެޗްގެ ދެވަނަ ހާފްގައި އެވަޓަންގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. މިގޮތުން މެޗްގެ 53 ވަނަ މިނެޓްގައި އެވަޓަންގެ އެންތަނީ ގޯޑަން ވަނީ އެވަޓަންއަށް ލަނޑެއް ކާމިޔާބުކޮށްދީ މިމެޗްގައި އެޓީމަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ގެނެސްދީފައެވެ.
އެވަޓަންއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ބްރައިޓަންއިން އެޓީމްގެ ލީޑު ފުޅާކުރިއެވެ. މެޗްގެ 71 ވަނަ މިނެޓްގައި މިލަނޑުވެސް ޖަހައިދިނީ މިމެޗްގައި އެޓީމަށް ފުރަތަމަ ލަނޑު ޖަހާދިން މެކްއެލިސްޓަރއެވެ. މިމެޗްގައި އެވަޓަންގެ ދެވަނަ ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހައިދިނީވެސް ގީޑަންއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށްވެސް ގޯޑަންއަށް ފުރުސަތު ލިބުނެވެ. ނަމަވެސް އޭނާއަށް އެހަމަލާ ގޯލަށް އަމާޒު ކުރެވޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު ބްރައިޓަން މިހާރުވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެޓީމުން އަންނަނީ ރީތި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިދިޔަ ސީޒަންގައި ބްރައިޓަންއަށް ދިމާވި އެންމެ ބޮޑު މައްސަލަ ކަމަށްވާ ލަނޑު ނުޖެހުމުގެ މައްސަލައަށް މިސީޒަންގައި ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. މިމެޗުން ބަލިވުމުން އެވަޓަން އުޅެނީ 18 މއޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.