ޚަބަރު

ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރަން ސާމާނުތައް އެ ރަށަށް


މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް އެކަމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އެވެ.

ޒަމާނުންސުރެ ރަށް ގިރުމުގެ މައްސަލަތައް ދިމާވަމުން އަންނަ ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށު ބަނދަރުން 9683 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް 202 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެއެވެ. އަދި 519 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ނިންމާފައެވެ. ދައުލަތުގެ ބަޖެޓުން 22.96 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީން 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮޅުފުށި ކައުންސިލްގެ ނައިބު ރައީސް އާދަމް ފަޔާޒް ވިދާޅުވީ މި މަޝްރޫޢަކީ ކޮޅުފުށީ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ތިބި މަޝްރޫޢެއްކަމަށެވެ. އަދި މި މަސައްކަތް ފެށިގެން ދިއުމަކީ ރައްޔިތުން ދެކެމުން އައި ހުވަފެނެއްގައި ކުލަޖެހުންކަން ފަޔާޒު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢު ފެށުމަށް ކައުންސިލުންވެސް ގިނަ މަސައްކަތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ނިޔާޒު ވަނީ މިކަމުގައި ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ހިފައިގެން އެ ރަށަށް ދިޔަ އެމްޓީސީސީގެ ޓީމަށް ރަށު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާ މަލާފަތެއް ދީފައެވެ.

ކޮޅުފުއްޓަކީ މުލަކަތޮޅުގެ ދެކުނު ބިތުގައި އޮންނަ އާބާދީގެ ގޮތުން 1،433 މީހުން ދިރިއުޅޭ ރަށެކެވެ. މިވަގުތު ކޮޅުފުށީގައި ސަރުކާރުން ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި 100 ހައުސިން ޔުނިޓުގެ އިމާރާތެއް އެޅުމުގެ މަސައްކަތާއި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ އިތުރުން ފެނަކައިގެ އައު އޮފީސް އިމާރާތްކުރުމުގެ އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން 64 މަޝްރޫއެއްގެ މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރެއިން 8 މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ. މީގެ އިތުރުން މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 6 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ވަނީ ނިންމާފައެވެ.