މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް މިއަދު މެންދުރު 13:30އިން ރޭގަނޑު 18:30އާ ހަމައަށެވެ. އެގޮތުން އެ ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ. އަދި ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
White Alert for Strong winds and rough seas. pic.twitter.com/Ae7DAS5Nvy
— Maldives Meteorology (@MetMaldives) January 2, 2022
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުން، މި ހިނގަމުންދާ ޖަނަވަރީ އަދި ކުރިއަށް އޮތް ފެބުރުއަރީ މަހު އުތުރުގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވެހޭ ވަރަށްވުރެ، ވާރޭ ވެހޭ މިންވަރު ގިނަވާނެކަމަށް ބެލެވެއެވެ. ނަމަވެސް އެހެން ހިސާބުތަކަށް ވާރޭ ވެހޭމިންވަރު ތަންކޮޅެއް މަދުވާނެކަމަށް ލަފާކުރެވެއެވެ. މިދުވަސްވަރު ފިނިހޫނުމިން އުތުރު އަތޮޅުތަކުގައި ޢާންމު މިންގަނޑުގައި ހުރިނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކުގައި، އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެކަމަށް ލަފާކުރެވެއެވެ.