ޚަބަރު

ތަރައްޤީގެ އުފާވެރިކަން އެތައް ގުނައަކަށް މިއަހަރު ޙާޞިލްކުރެވޭނެ - ރައީސް


2022ވަނަ އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށްވުރެ އެތައް ގުނައަކަށް ޙާޞިލްކުރެވޭނެ އަހަރަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

2022ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ، ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މި ފެށުނު އާ އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށްވުރެ އެތައް ގުނައަކަށް ޙާޞިލްކުރެވޭނެ އަހަރެއް ކަމުގައި ވާނެކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަޙްރޫމްވެފައި ތިބި އަސާސީ ޚިދުމަތްތައް، އެ ރަށްރަށުގައި ޤާއިމުކުރުމަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫޢެއް މި އަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށެވެ. އަދި އެފަދަ ކިތަންމެ އާ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ވަޢުދުވެވަޑައިގެންނެވި ތަރައްގީގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ފަށާފައިވާ މަޝްރޫޢޫތައް 2022ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށާއި، ކޯވިޑުން އަރައިގަތުމުގެ ރާއްޖެއިން މަސައްކަތްކުރަމުން ގެންދާއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު 2023ވަނަ އަހަރާހަމައަށްދާއިރު، 2019ވަނަ އަހަރު އޮތް ހާލަތައް ގެންދެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުންވީ ވަޢުދުތަކުގެ %90 މަސައްކަތް ފުއްދުމުގެ އެކި މަރުހަލާތަކުގައި ކުރެވެމުންދާއިރު، މަސައްކަތްކުރައްވަނީ މިހާރު ފަށާފައިވާ ކަންކަން 2022ވަނަ އަހަރުގެ ތެރޭގައި މުޅިން ނިންމާލުމަށްކަމަށް ރައީސް ޞާލީޙް މީގެ ކުރިންވެސްވަނީ ވިދާޅުވިއެވެ.

ރައީސްގެ ޚިތާބުގައި ތަރައްޤީއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ޙާޞިލްކުރެވޭނީ، އަދި ފުރިހަމަވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޙަޤީޤީ މަންފާ ޤައުމަށް ކުރާނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށްވުރެ ހަރުދަނާވެގެންދާނެކަމަށާއި، އެންމެވެސް ހިތްތަކުން ޙަސަދަވެރިކަމާއި ދެކޮޅުވެރިކަން ނައްތާލައި، އެއްބަނޑުއެއްބަފާކަމުގެ ގުޅުން އަލުން ބަދަހިކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިސްލާމީ ދިވެހި އުންމަތް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، މިއަދުގެ ދިރިތިބީންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ ވަށައިގެންވާ ޤުދުރަތީ ނިޒާމު ޙިމާޔަތްކޮށް ރައްކާތެރަންޖެހޭކަމަށާއި، ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ލިބޭ އެންމެހައި ޢަމަލުތަކުން ދުރުހެލިވެ، ތިމާވެށި ޙިމާޔަތް ކުރުމަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި ޤަބޫލުކޮށް، އެގޮތަށް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.