އިންގްލިޝް ޕްރިމިއަރ ލީގުގައި ސައުތެމްޓަން އާއި ނިއުކާސްލް ޔުނައިޓެޑް މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައިވި މެޗް ކޯވިޑް-19 އާއި އަނިޔާގެ ސަބަބުން ފަސްކޮށްފިއެވެ. ނިއުކާސްލް އެންމެފަހުން އެވަޓަން އާއި ކުޅެން އޮތް މެޗު ވެސް ވަނީ މިސަބަބުތަކަށްޓަކައި ފަސްކޮށްފައެވެ.
މިމެޗާއެކު ޕްރިމިއަރ ލީގުގައި ފަސްކުރި މެޗްތަކުގެ ޢަދަދު މިވަނީ 17 އަށް އަރާފައެވެ. ނިއުކާސްލްގެ އެދުމުގެ މަތިން މިމެޗް ފަސް ކުރުމަށް ޕްރިމިއަރ ލީގުން އެއްބަސްވީ މެޗް ކުރިއަށް ގެންދެވޭ ވަރަށް އެޓީމުގައި ކުޅުންތެރިން ނެތުމުންނެވެ. ޕްރިމިއަރ ލީގުގެ ޤަވާއިދު ބުނާގޮތުން 13 ކުޅުންތެރިންނާއި ކީޕަރެއް ހުރެއްޖެނަމަ އެޓީމެއް ކުޅެން އޮތް މެޗް ފުރިހަމަ ކުރަންޖެހެއެވެ. މިހެން ބުނި ނަމަވެސް ޕްރިމިއަރ ލީގުން އަންނަނީ މިފަދަ ރިކުއެސްޓް ކޭސް ބައި ކޭސް އުސޫލުން ބަލަމުންނެވެ.
މިމެޗްގެ އިތުރުން ލިވަޕޫލާއި ޗެލްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވި މެޗްވެސް މިހާރުވަނީ ނުބޭއްވިދާނެކަމުގެ ބިރު ހީވާން ފަށާފައެވެ. މިގޮތުން ލިވަޕޫލުން އެންމެފަހުން ކުރި ޓެސްޓުތަކުން ތިން ކުޅުންތެރިޔަކުވަނީ ޕޮޒިޓިވްވެފައެވެ. އެޓީމުގެ ކޯޗް ޔަރގެން ކްލޮޕް ބުނީ މިތިން ކުޅުންތެރިން ޕޮޒިޓިވް ވުމާއި ގުޅިގެން އަނެއްކާވެސް އެހެން ކުޅުންތެރިން ޓެސްޓް ހަދާފައިވާކަމަށެވެ. އަދި މިހާރު އިންތިޒާރު ކުރަމުން އަންނަނީ އޭގެ ނަތީޖާއަށް ކަމަށެވެ. ނަމަވެސް މިމެޗް ފަސް ކުރާވަރަށް ކުޅުންތެރިން ޕޮޒިޓިވް ވެދާނެކަމަށް ކްލޮޕް ގަބޫލެއް ނުކުރެއެވެ. ނަމަވެސް ކޯވިޑަށް ޕޮޒިޓިވް ވާ ކުޅުންތެރިންގެ އަދަދު މިހާރު ވަރަށް ބޮޑުތަނުން އިތުރު ވަމުން އަންނަކަމަށް އޭނާވެސް ހާމަކުރިއެވެ.