ކުޅިވަރު

ލުކާކޫގެ އިންޓަރވިއުއާމެދު ޓުޗެލް ހިތްހަމަ ނުޖެހުން ފާޅުކުރުން


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީގެ ކުރިއަށް ކުޅޭ ހުނަރުވެރި ފޯވަޑް ރޮމެލޫ ލުކާކޫ ކުރި ކޮމެންޓާމެދު ހިތްހަމަނުޖެހޭކަމަށް އެޓީމުގެ ކޯޗް ތޯމަސް ޓުޗެލް ބުނެފިއެވެ.

މީގެ އެތައް ހަފްތާއެއް ކުރިން ރިކޯޑް ކޮށްފައިވާ އިންޓަރވިއުގައި ލުކާކޫ ބުނެފައިވަނީ ކައިރި މުސްތަގްބަލެއްގައި އިންޓަރ މިލާނަށް އަނބުރާ ދާން އޭނާ ބޭނުންވާކަމަށެވެ. ސްކައި ސްޕޯޓްސް އިޓާލިއާއިން އާންމު ކުރި އިންޓަރވިއުގައި ލުކާކޫވަނީ ޗެލްސީގައި އޭނާގެ ދައުރާމެދު ހިތްހަމަ ނުޖެހޭކަން ހާމަކޮށް އޭނާ ހުރީ އެހާ ހިތްހަމަ ޖެހިގެން ނޫން ކަމަށް ބުނެފައެވެ.

މިކަމާއި ގުޅެގޮތުން ވާހަކަ ދައްކަމުން ޓުޗެލް ވަނީ މިއީ މިވަގުތަށް ބޭނުންވާ ވާހަކަ ތަކެއް ނޫން ކަމަށާއި އޭނާ ބޭނުންވަނީ އޭނާގެ ޓީމުގެ މާހައުލު އަމާންކޮށް އޮތުމަށްކަމަށް ބުނެފައެވެ. އެހެންކަމުން ލުކާކޫ ދެއްކިވާހަކަ ތަކާއި ގުޅިގެން ހިތްހަމަ ނުޖެހޭކަމަށް ޓުޗެލް ބުންޏެވެ. އަދި މިވާހަކަތައް އަޑުއިވިފައި ހައިރާން ކަން ލިބިފައިވާކަމަށާއި، އިންޓަރވިއު އާންމު ކުރުމުގެ ކުރިން ކުރިން ލުކާކޫގެ ހާލަތާއި ގުޅެގޮތުން ސުވާލުކުރިނަމަ އޭނާއަށް ބުނެވޭނީ ލުކާކޫ ވަރަށް ރަނގަޅު ކަމަށެވެ. އަދި ލުކާކޫގެ ވާހަކަ އާއި ޓީމާއެކު އުޅޭއިރު އޭނާ ހިތްހަމަނުޖެހިފައިވާ ކުޅުންތެރިއެއްގެ ގޮތުގައި ނުފެންނަކަމަށްވެސް އޭނާ ބުންޏެވެ. އަދި އިތުރަށް މިވާހަކަ ދައްކާ މިކަން ބޮޑު ކުރަން ބޭނުން ނުވާކަމަށްވެސް ޓުޗެލް ހާމަކުރިއެވެ.

ލުކާކޫ ޗެލްސީ އާއި އަލުން ގުޅިފައިމިވަނީ އޮގަސްޓުމަހު 97.5 މިލިއަން ޕައުންޑްގެ ފީއަކަށެވެ.