އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗަށް ދެޓީމު ވެސް ތައްޔާރުވެފައިވާކަމަށް އެދެކުލަބުން ހާމަކޮށްފިއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އާސެނަލްގެ ދަނޑުގައެވެ.
ނަމަވެސް މިމެޗާއި ކުރިމަތިލާއިރު އާސެނަލްއަށް ވަނީ ކޯވިޑް-19 ގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައެވެ. މިގޮތުން ޓީމުގެ ކޯޗް މިކެލް އާޓެޓާ ކޯވިޑަށް ޕޮޒިޓީވް ވެފައިވުމުން އާޓެޓާ އަންނަނީ ގޭގައި އެކަހެރިވަމުންނެވެ. އަދި ނޯވިޗް މެޗްގައިވެސް ކޯވިޑް-19 ގެ ސަބަބުން ނުކުޅެވޭ ޓަކެހީރޯ ޓޮމިޔާސޫ އާއި ސެޑްރިކް ސޯރެސް އަދި ކެލުމް ޗެމްބަރސް މިމެޗްގައިވެސް ފެނުން ދުރުކަމަށް ވެއެވެ.
ސިޓީއަށް ބަލާލާއިރު މިމެޗްގައި ހަތަރު މެޗަށްފަހު ކައިލް ވޯކަރ ޓީމުގައި ހިމެނޭނެކަމަށް ބެލެވެއެވެ. އަދި ސިޓީ އެންމެފަހުން ކުޅުނު ދެމެޗްގައިވެސް ނުފެންނަ ޖޯން ސްޓޯން އާއި ރޮޑްރީ މިމެޗްގައި ފެނުން ދުރުކަމަށް ވެއެވެ. ހަމައެއާއެކު ޖާއޮ ކޮންސޭލޯ ޓީމާއެކު ލަންޑަނަށް ދަތުރުކުރިމަކެއް ޔަގީނެއް ނޫނެވެ. އޭނާގެ ގެއަށް ވަގުންތަކެއް ވަދެ ކުރި ވައްކަން ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާއަށްވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައެވެ.
ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިސީޒަންގައި އާސެނަލް ވަރަށް ބޮޑުތަކުން ރަނގަޅުވެފައިވީ ނަމަވެސް މިސީޒަންގައި މިވަގުތު ސިޓީ ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. އެހެންކަމުން މިމެޗަކީ ވަރަށް ފޯރިގަދަ މެޗަކަށް ވާނެކަމަށް މިހާރުވެސް ވަނީ ބެލެވިފައެވެ. އަދި މިއަހަރުގެ އޯގަސްޓް މަހު އާސެނަލްގެ ދަނޑުގައި ކުޅެ ފަސް ލަނޑު ސުންލަނޑުން ސިޓީ މޮޅުވި ގޮތަށް މިމެޗުން މޮޅުވުމަކީ ވުން ވަރަށް ދުރުކަމެއް ކަމަށް ތަޖްރިބާާކާރުން ސިފަކުރެއެވެ. ސިޓީ ވަނީ އެޓީމް އެންމެފަހުން ކުޅުނު 10 މެޗްވެސް ކާމިޔާބުކޮށްފައެވެ.