ޚަބަރު

ޢުމުރާގެ އަޅުކަން އަދާކުރަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ޢުމުރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ޢުމުރާގެ އަޅުކަން އަދާކުރަމުން ދަނިކޮށް ނިޔާވީ ނ.ހޮޅުދޫ، ސާދާގެ، ހާމިދު މުހައްމަދެވެ. އޭނާ ނިޔާވެފައިވަނީ ރޭ ދަންވަރު 2:15ގައެވެ. ކޯވިޑް-19އާއި ގުޅިގެން މައްކާ ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކޯވިޑް-19ގެ ޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލެއް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ޢުމްރާގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއަށް އެތެރެވެވޭނީ ދިވެހިރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސަޢުދީއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޯވިޑް-19ގެ ނެގެޓިވް ޓެސްޓް ސެޓިފިކެޓެއް އޮންނަ މީހުންނަށެވެ.

އިސްލާމިކް މިނިސްޓްރީން މިހާތަަނަށް ޖުމްލަ 37 ކުންފުންޏަކަށް މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ބޯޑަރުތައް ބަންދުކުރުމާގުޅިގެން ކުންފުނިތަކުން ޢުމްރާއަށް މީހުން ނުގެންދެވުމުގެ ސަބަބުން އެ ކުންފުނިތަކަށް ދީފައިވާ މުއްދަތުވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިތުރުކޮށްދީފައެވެ.

މައްކާގެ މާތްވެގެންވާ ޙަރަމާއި އެތަނުގައި ހުންނަ ކައުބަތުﷲ ގެފުޅަކީ ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ދުވަސްވަރު ނޫނަސް އަބަދުވެސް އެތައް ސަތޭކަ ބަޔަކު ޖަމާވެ ނަމާދާއި ޠަވާފާއި، އަޅުކަމުގައި ވަގުތު ހޭދަކުރާ ތަނެކެވެ.