ކުޅިވަރު

ޔުނައިޓެޑް ޕްރިމިއަރ ލީގުގެ ގަދަ ހަޔަކަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ބަރންލީ ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށް ގަދަ ހަޔަކަށް އަރައިފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅާ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސްކޮޓް މެކްޓޮމިނޭއެވެ. މިމެޗްގައި ޔުނައިޓެޑުން ޖެހި ދެވަނަ ލަނޑަކީ ބަރންލީގެ ޑިފެންޑަރ އަދި ކެޕްޓަން ބެން މީ އަތުން ބައިކޮޅަށް ވަން ލަނޑެވެ. އަދި ފަހު ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިމެޗްގައި ބަރންލީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހައިދިނީ އާރޮން ލެނަންއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނދު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ލިބުނު ނަމަވެސް އޭގެތެރެއިން އެއްވެސް ހަމަލާއެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަދި މިއީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހަށްފަހު ބަރންލީ ކުޅުނު ފުރަތަމަ މެޗްގައި މާރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑަށް މިހާރުވަނީ 18 މެޗުން 31 ޕޮއިންޓް ލިބި ތާވަލްގެ ހަވަނަށް ކުރިއަށް ޖެހިލާފައެވެ. މިކާމިޔާބިއާއެކު މިހާރު ޔުނައިޓެޑުން ވަނީ އެޓީމުގެ ކުރީގެ ކޯޗް އޮލޭ ގަނަރ ސޯލްޝެއަރ މަގާމުން ވަކިކުރިފަހުން މިހާތަނަށް ބަލިނުވެ އަށް މެޗް ހަމަކޮށްފައެވެ. މިމެޗުން ބަލިވުމުން ބަރންލީ އުޅެނީ 16 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.