ސިވިލް ސަރވަންޓުންގެ ވަޒީފާއާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް 2011 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ސީއެސް ވިއުގައިގެ މަސައްކަތް ޒަމާނީކޮށް އައު ހަރުފަތަކަށް ގެންދިއުމަށް ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު އިފްތިތާޙުކޮށްފިއެވެ.
ހޮޓެލް ޖެންގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއެވެ.
ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިވިލް ސަރވިސްގެ ހިންގުމަށް އީޖާދީ ބަދަލުތަކެއް ގެނެސް މުވައްޒަފުންގެ މަސައްކަތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށް ދިނުމުގެ މަޤްސަދުގައި ފަށާފައިވާ މަސައްކަތެކެވެ.
ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ފައިސަން ނަސީމް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުން ލާމަރުކަޒު ކުރުން ވަކި ޕްލޭނެއްގެ ދަށުން ކުރިޔަށް ގެންދަނީ، އެ ކަމަކީ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައް ކަމަށްވާތީ ކަމަށެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ސިވިލް ސަރވިސްގެ ޚިދުމަތް އަވަސް ކުރުމަށާއި ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދާއިރު ޚިދުމަތް ފޯރުކޮށްދޭން ތިބޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތަކަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ފަސޭހަ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ އިސްކަމެއް ދެއްވާކަމަށްވެސް ވިދާޅުވިއެވެ.
"ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ބަދަލުވެގެން ދިއުމަކީ މުޅި ސަރުކާރު ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތަށް އެންމެ ފުރިހަމަކަމެއް ގެނުވާނޭ އެއް ކަންތައް. ޤައުމުގެ ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫޢުތައް އެކިއެކި ދުވަސްވަރު ހިނގަމުން އަންނައިރު، މިކަމަށް ދެވިފައޮތް ސަމާލުކަން ކުޑަ. ސިވިލް ސަރވިސް މުވައްޒަފުން ކުރައްވާ މަސައްކަތަކީ މުޅި ޤައުމު ހިންގުން އެ ފަރާތްތަކަށް މަސައްކަތްތައް ހިންގުމަށް އެންމެ ފަސޭހަގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން އަބަދުވެސް ކުރަންޖެހޭނެ ކަމެއް" ނާއިބު ރައީސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ސީއެސްސީގެ ރައީސް މުޙައްމަދު ނާޞިޙް ވިދާޅުވީ، ނިމިގެން މިދަނީ ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް، ހިންގުން ހަރުދަނާކުރަން އެކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު އީޖާދީ މަސައްކަތްތަކެއްގެ ފެށުންކަމަށާއި، މި މަޝްރޫޢަކީ ސިވިލް ސަރވަންޓުންގެ ވަޒީފާއާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް 2011 ވަނަ އަހަރުން ފެށިގެން ބޭނުން ކުރެވެމުން އަންނަ ސީއެސް ވިއުގައިގެ މަސައްކަތް ޒަމާނީކޮށް އައު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށެވެ.
އަދި ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު އިފްތިތާޙުކުރެވުމާއެކު މި ފެށިގެން ދިޔައީ ކޮމިޝަނުގެ މަސައްކަތްތައް ލާމަރުކަޒުކުރުން ކަމަށްވެސް ސީއެސްސީގެ ރައީސް ވިދާޅުވިއެވެ.
"މިއަދުގެ މަސައްކަތުގެ މާޙައުލުގައި ޒަމާނީ ފެންވަރުގައި ޚިދުމަތްދިނުމަށް ޓެކްނޮލޮޖީގެ ބޭނުންމިވަނީ ކޮންމެހެންވެސް ކުރަންޖެހިފައި. މިގޮތުން ކޮމިޝަނުގެ މަސައްކަތްތައްވެސް އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމާއި، އެނިޒާމް ފުޅާކުރުމުގެ މަޤްޞަދަކީ ހަޤީގަތުގައި ކޮމިޝަނާއި ސިވިލް ސަރވަންޓުންނާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކާއި އޮންނަ މަސައްކަތުގެ ގުޅުން އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް އަވަސްވެގެންދާނެ" ސީއެސްސީގެ ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސިވިލް ސަރވިސްގެ އައު ވެބްސައިޓް ތަޢާރަފުކުރުމާއެކު، ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢާގުޅޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއްވަނީ ހުށަހަޅާފައެވެ. ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއާއެކު ސިވިލް ސަރިވިސްގެ ވިއުގައިގެ ތެރެއިން ދެމުން ގެންދާ ޚިދުމަތްތައް ސަރުކާރުގެ ލާމަރުކަޒީ ކުރުމުގެ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތިން ވަކިވަކި އިދާރާތަކުން ދިނުމަށް މަގުފަހި ކުރެވިގެންދާނެއެވެ.